އޭއެފްސީ ޗެމްޕިއަންސް ލީގުން އިންޑިއާގެ ބެންގްލޫރު އެފްސީ އަށް ފުރުސަތު ގެއްލިއްޖެއެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕުގެ ފައިނަލުން ޖާގަ ހޯދި ބެންގްލޫރް އެފްސީ އަށް އޭއެފްސީ ޗެމްޕިއަންސްލީގުން ފުރުސަތު ގެއްލުނީ ކޮލިފައިންގެ ދެވަނަ ބުރުގައި އަލް ވިހްދަތްއާ ދެކޮޅަށް ކުޅުނު މެޗުން 1-2 ގެ ނަތީޖާއިން ބަލިވުމުންނެވެ.
ޖޯޑަންގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފާރާތުން ވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. އެހެންނަމަވެސް ވިހްދަތްއާ ހިލާފަށް ބެންގްލޫރުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.
މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއްނުވެ ވިހްދަތް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑޫ 48 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު މާހިރު އެވެ.
މި ލަނޑަށް ފަހު ވެސް ވިހްދަތް އިން ދިޔައީ ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތު ތަނަވަސްކުރަމުންނެވެ. ވިހްދަތް އިން މެޗުގެ ލީޑު ފުޅާކުރީ 65 ވަނަ މިނެޓުގައި ބަހާ ފައިސަލް ކާމިޔާބުކުރި ލަނޑުންނެވެ.
މި މެޗުގައި ބެންގްލޫރު އެފްސީގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 68 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީ އެވެ. މީގެއިތުރުން ޗެތުރީ އަށް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދޭން ވެސް މެޗުގައި ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.