މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ އަލްފާ ކިނަމް ހޯލްޑިންގްސް ކުންފުންޏާ ގުޅިގެން އެމެރިކާގެ ޑްރީމް ހޮޓަލް ގްރޫޕުން ރާއްޖޭގައި ދެ ރިސޯޓެއް ތަރައްގީކުރަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.
އެއްލައިދޫ މަނިކުއާ ގުޅިގެން ޑްރީމް ހޮޓަލް ގްރޫޕުން ރާއްޖޭގައި ތަރައްގީ ކުރަން ނިންމާފައިވާ ދެ ރިސޯޓަކީ، ޗަޓްވާލް މާގަ މޯލްޑިވްސް ރިސޯޓާއި ޑްރީމް ގަސްވެލި މޯލްޑިވްސް ރިސޯޓެވެ.
ޑްރީމް ހޮޓަލް ގްރޫޕުން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ޖޭ ސްޓެއިން ވިދާޅުވެފައިވަނީ މާގަ އާއި ގަސްވެލި ތަރައްގީ ކުރުމަށް އަލްފާ ކިނަމްއާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު ކަމަށެވެ.
ޑްރީމް ގްރޫޕުގެ ޗަޓްވާލް ބްރޭންޑުގެ ދަށުން މާގަ ރިސޯޓް ތަރައްގީކޮށް 2019 ވަނަ އަހަރު ހުޅުވުމަށް ވަނީ ނިންމާފަ އެވެ. މިހާރު ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ އެ ރަށުގައި އެންމެ މަތީ ފަންތީގެ 80 ކޮޓަރިއާއި ހަ ޕްރައިވެޓް ބީޗް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަލް ވިލާ ހެދުމަށް ވަނީ ނިންމާފަ އެވެ.
މާގައަކީ މުޅި ދުނިޔެއަށް މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ މާގަ ތިލަ ނުވަތަ އޮރިމަސް ތިލަ ހިމެނޭ ރަށެވެ. މާގަ އޮންނަނީ މަނިކުގެ އެއްލައިދޫ ރިސޯޓާ 10 ވަރަކަށް މިނެޓް ދުރުގަ އެވެ.
ގަސްވެލީގައި ތަރައްގީ ކުރާ ރިސޯޓް 2020 ވަނަ އަހަރު ހުޅުވުމަށް ވަނީ ނިންމާފަ އެވެ. އެ ރަށް ތަރައްގީކޮށް ނިމޭ އިރު، 500 ވިލާއާއި އަށް ރެސްޓޯރެންޓާއި، ދުނިޔޭގެ މަޝްހޫރު ޑިއުޓީ ފްރީ ފިހާރަތަކުގެ އިތުރުން 20،000 އަކަފޫޓުގެ ބޮޑު ސްޕާއެއް ހުންނާނެ އެވެ.
ޑްރީމް ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ ޑްރީމް ބްރޭންޑުގެ ދަށުުން، ޑްރީން ގަސްވެލި މޯލްޑިވްސްގެ ނަމުގައި ތަރައްގީކުރާ އެ ރިސޯޓް ވެގެންދާނީ އިންޑިއާ ކަނޑުގެ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓަށެވެ.
ރިސޯޓެއް ތަރައްގީކުރުމަށް މަނިކަށް ގަސްވެލި ދިނީ 2006 ވަނަ އަހަރު އެވެ. ގަސްވެއްޔާއެކު، އެ ރަށާ އެއްފަޅެއްގައި އޮންނަ ބޮޑުވެލި ފަޅާއި ކަޑައުސްފުށި ފަޅު ވެސް ވަނީ މަނިކަށް ދީފަ އެވެ.
ގަސްވެލި ތަރައްގީކުރުމަށް މަނިކު ވަނީ 40 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ނިންމާފަ އެވެ. އެ ލޯނަށް ދިވެހި ސަރުކާރުން ބޭންކް ގެރެންޓީއެއް ދިނުމަށް ފިނޭންސް މިނިސްޓްރީ އިން ވާންޖެހޭ ތައްޔާރީތައް ވެސް ވަނީ ވެފަ އެވެ.
ރައީސް ޔާމީނުގެ ޅިޔަން ބޭފުޅެއް ކަމަށްވާ މަނިކުއާ ގުޅިގެން އެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، ނަސަންދުރަ ޕެލަސް ހޮޓަލް ތަރައްގީ ކުރަނީ ވެސް މަނިކުގެ ހިއްސާ އޮންނަ ކުންފުންޏަކުންނެވެ.