ކ. މާލެ
|
25 ސެޕްޓެންބަރ 2018 | އަންގާރަ 23:12
އިންސްޓަގްރާމްގެ ފައުންޑަރުން
އިންސްޓަގްރާމްގެ ފައުންޑަރުން
މުހައްމަދު ޝަރުހާން
އިންސްޓަގްރާމް
އިންސްޓަގްރާމްގެ ފައުންޑަރުން އެކުންފުނިން ވަކިވަނީ
ފޭސްބުކް އިން ވަނީ 2012 ވަނަ އަހަރު މައިކް އަދި ކެވިން އަތުން އެއް ބިލިއަން ޑޮލަރަށް އިންސްޓަގްރާމް ގަނެފަ

އިންސްޓަގްރާމްގެ ފައުންޑަރުން ކަމަށްވާ ކެވިން ސިސްޓްރޯމް އާއި މައިކް ކްރެއިގަރ އެކުންފުނިން ވަކިވާން ނިންމައިފިއެވެ. 

އިންސްޓަގްރާމަކީ ކެވިން އާއި މައިކް 2010 ވަނަ އަހަރު ފޮޓޯ ޝެއަރ ކުރުމުގެ ބޭނުމުގައި އުފެއްދި އެޕެކެވެ. ދިވެހިންގެ މެދުގައިވެސް މަގުބޫލު އިންސްޓަގްރާމަކީ އެތައް މިލިއަން މީހުނެއް ކޮންމެ ދުވަހުވެސް ބޭނުން ކުރާ އެޕެކެވެ. 

ފޭސްބުކް އިން ވަނީ 2012 ވަނަ އަހަރު މައިކް އަދި ކެވިން އަތުން އެއް ބިލިއަން ޑޮލަރަށް އިންސްޓަގްރާމް ގަނެފައެވެ. އޭގެ ފަހުން އިންސްޓަގްރާމަށް ވަނީ ވަރަށް ބައިވަރު އިތުރު ފީޗަރސް ތައްވެސް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ވީޑިއޯ، ސްޓޯރީސް އަދި އެންމެ ފަހުން ތައާރަފްކުރި އައިޖީ ޓީވީ ހިމެނެވެ. 

ކެވިން އަކީ އިންސްޓަގަރާމްގެ މިހާރުގެ ސީއީއޯ އެވެ. އަދި މައިކް އަކީ ޗީފް ޓެކްނިކަލް އޮފިސަރެވެ. އެދެމީހުން ވެސް ބުނި ގޮތުގައި އެމީހުން ކުންފުނިން ވަކިވަނީ އަމިއްލަ ވަގުތު ކޮޅެއް ހުސްކޮށްލުމުގެ ބޭނުމުގައި ކަމަށާއި އަދި އިތުރަށް އުފެއްދޭނެ އާ އީޖާދު ތަކާއި މެދު ވިސްނާލައި އެއަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ.

ފޭސްބުކްގެ ބާނީ މާރކް ޒަކަބާރގް ވަނީ ކެވިން އާއި މައިކްގެ ނިންމުން ބަލައިގަނެ އަދި އެދެމީހުން ދެން އަލުން ނެރޭނެ ޕްރޮޑަކްޓަކަށް އިންތިޒާރު ކުރާކަމަށް ބުނެފައެވެ. އައި އެދެމީހުންގެ ލީޑަރޝިޕަށް ވެސް ތައުރީފުކޮށްފައެވެ. 

ނަމަވެސް ބްލޫމްބާރގް ނޫހުން ރިޕޯރޓް ކުރާ ގޮތުގައި ކެވިން އާއި މައިކް ވަކިވަނީ މާރކް ޒަކަބާރގް އާއި ދެމެދު އިންސްޓަގްރާމްގެ ކުރިމަގާމެދު ޖެހިގެން އުޅޭ މައްސަލަތަކާ ހެދިއެވެ. މިކަމާ ގުޅޭގޮތުން ފޭސްބުކް އަދި އިންސްޓަގްރާމުންވެސް އެއްވެސް އޮފިޝަލް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. 

- ކޮމެންޓް