ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބުން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
މާފަންނު ސްޓޭޑިއަމްގެ އެއް ނަމްބަރު ދަނޑުގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ ކްލަބު އީގަލްސްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
މެޗގެ ފުރަތަމަ ހާފުގައި ދެޓީމުގެ ވެސް ފުރަތަމަ އެގާރާގައި މުހިންމު ކުޅުންތެރިންތަކެއް ކުޅެފައިވާ އިރު، މި ހާފުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި އީގަލްސް އިން ނުކުތީ އެޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއެކު އެވެ. އެގޮތުން ފުރަތަމަ ހާފުގައި ކުޅުނު ހުރިހާ ކުޅުންތެރިން ބޭލުމަށްފަހު ދެވަނަ ހާފުގައި އީގަލްސް ފެނުނީ ޒުވާން ޓީމަކާއެކު އެވެ.
ހަމަ އެއާއެކު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ދެވަނަ ހާފުގައި އެޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.
މިމެޗުގައި ޓީސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އުޝާން އިބްރާހިމް އެވެ.
މެޗުގެ ފަހު ހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ޓީސީ ވަނީ މި މަހުގެ 28 ވަނަ ދުވަހު ވެސް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ ދުވަހު ކުޅުނު މެޗުން ޓީސީ ކުރި ހޯދީ މިއަހަރުގެ ސީޒަނަށް ރެކޯޑް ބަޖެޓަކާއެކު ނުކުންނަން ތައްޔާރުވެފައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ޓީސީ މިހާރު ތައްޔާރުވަމުންދަނީ އަންނަ މަހުގެ 18 ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕަށެވެ.