ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އެޓީމު އަތުލަން ފަސޭހަނުވާނެ ކަމަށް ޓޮޓެންހަމްގެ ކޯޗު ޕޮޗީޓޯ ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕޮޗީޓޯ ބުނީ އަންނަ އަންގާރަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް އަދި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އެޓީމު އަތުލާން އުނދަގޫވާނެ ކަމަށާއި، ތަށްޓަށް ކުރަމުން އަންނަ އުންމީދުތައް ވެސް ނިމުމަކަށް އަންނާނެ ކަމަށެވެ.
ޕޮޗީޓޯ ބުނީ ޓޮޓެންހަމް އިން ކުރަންޖެހޭ ކަމަކީ ކުޅެން ޖެހޭ މެޗުތަކަށް ވިސްނައި، ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓް ހޯދުމަށް އަމާޒު ހިފުން ކަމަށެވެ. އެގޮތުން އޭނާ ބުނީ ޓޮޓެންހަމް އިން ޗެލްސީއާ އަރާ ހަމަކުރަން ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ ސަންޑަލޭންޑް އަދި މިޑިލްސްބަރޯއާ ދެކޮޅަށް ކުޅޭ މެޗުން ހަ ޕޮއިންޓް ހޯދުން މަޖުބޫރު ކަމަށާއި، އެ ޕޮއިންޓްތަކަކީ އިދިކޮޅަށް ނިކުންނަ ޓީމުތަކަށް ވެސް މުހިންމު ޕޮއިންޓްތައް ކަން އެނގޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އެ ޕޮއިންޓްތަކަކީ ޓޮޓެންހަމަށް ވެސް މުހިންމު ޕޮއިންޓްތަކެއް ކަމަށެވެ.
ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ޗެލްސީ އޮތީ ކުޅުނު 22 މެޗުން ލިބުނު 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޗެލްސީގެ ފަހަތުން 47 ޕޮއިންޓާއެކު ދެވަނައިގައި އާސެނަލް އޮތްއިރު، ތިންވަނައިގައި ޓޮޓެންހަމް އޮތީ 46 ޕޮއިންޓާއެކުގައެވެ.