Advertisement
ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 03:59
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން
މުހައްމަދު ފަޒީން
ޓްރެއިނިންގ
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
އިލްމާއި ހުނަރު ދުނުމަކީ ވަރަށް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށް ފުލުހުން ބުނޭ
މި ޕްރޮގްރާމްގެ ދަށުން 50 ފުލުހުން ތަމްރީން ކުރެވޭނެ

މާލެއާއި ނޯދަރން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަން އޮޕަރޭޝަންސް ކޮމާންޑްގައި ސީން އޮފް ކްރައިމް އޮފިސަރސް (ސޯކޯ)ގެ ހިދުމަތް ދެމުންއަންނަ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުންގެ ބުނީ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސްއާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓު ގުޅިގެން ފަރުމާކުރި މި ޕްރޮގްރާމު ފައްޓަވައިދެއްވީ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ކަމަށެވެ. އަދި މި ޕްރޮގްރާމު ފައްޓަވައިދެއްވަމުން ނަވީން ދެއްކެވި ވާހަކަފުޅުގައި، މަސައްކަތާއި ގުޅުންހުރި އިލްމާއި ހުނަރު މުވައްޒަފުންނަށް ދިނުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ވަރަށް ހާއްސަ އިސްކަމެއްދޭކަމެއްކަމަށާއި އެކަމަށް ގިނަގުނަ ހޭދައެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އެކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއިން ދެމުންއަންނަ ހިދުމަތްތައް ހަލުވިވެ މުވައްޒަފުން މަސައްކަތް ކުރުމުގެ ރޫހު އިތުރުވެގެންދާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ޕްރޮގްރާމް ނިންމުމަށްފަހު، ނޯދަރން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ކޮންމެ އަތޮޅެއްގައި ފޮރެންސިކްގެ މުޅިން އައު ހިދުމަތެއް ކަމުގައިވާ "ވެހިކަލް އެންޖިން އަދި ޗެސިސް ނަންބަރ ރިސްޓޯރޭޝަން"ގެ ހިދުމަތް ދޭން ފެށިގެން ދާނެކަން ފާހަގަކުރައްވައި އަދި މިހިދުމަތުގެ ސަބަބުން، ސައިކަލުފަދަ ވެހިކަލްތައް ވަގަށްނެގުމަށްފަހު އޭގައިވާ ނަންބަރު ފޮހެލުމަށްފަހު އެހެން ނަންބަރެއް ޖަހައިގެން ވިއްކާ ސައިކަލުތަކުގެ ވެރިފަރާތް ދެނެގަތުން އަވަސްވެ އެފަދަ މައްސަލަތައް ކާމިޔާބު ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް، ސޯކޯއިންގެ ފަރާތުން އަތޮޅުތެރެއަށް ދެވޭނެކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ދެބަޔަކަށް ބަހާލައިގެން ދެ ބުރަކަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 50 މުވައްޒަފަކު ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ހުރިހާ ސީން އޮފް ކްރައިމް އޮފިސަރުން އެއް މިންގަނޑަކަށް މަސައްކަތްކުރުމަށްޓަކައި ބޭނުންވާ ހުނަރާއި ފަންނީ މަޢުލޫމާތާއި އަމަލީ ތަޖުރިބާ ޕްރޮގްރާމުގެ ބައިވެރިންނަށް އުނގައިންނައިދެވޭނެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ފަންނީ ފުލުހުން ކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް