އިނގިރޭސީ ވިލާތުން ސިޔާސީ ހިމާޔަތް ހޯދައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝިދު ލައްކާއަށް ވަޑައިގެން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއެކު ކުރިއަށްގެންދާ މަޝްވަރާގައި ނިންމެވި ކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނީ ރައީސް މުހައްމަދު ނަޝީދު ކަމަށް އެޕާޓީގެ ޗެއާ ޕާޝަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާއި ރައީސް ނަޝީދު ލަންކާގައި ކުރިއަށް ގެންދާ މަޝްވަރާތަކާގުޅޭ ގޮތުން އަލީ ނިޔާޒު ވިދާޅުވީ ރައީސް ނަޝީދާއެކު ކުރިއަށް ގެންދެވޭ ކޮންމެ ބައްދަލުވުމަކީ އެމްޑީޕީއަށް ކާމިޔާބު ލިބޭނެ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ނިންމެވި މުހިންމު ކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނީ ރައީސް ނަޝީދު ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.
"ރައީސް ނަޝީދު ކޮޅޮނބުން އެނބުރިވަޑައިގަތުމުގެ ކުރިން މަޝްވަރާތަކުގައި ނިންމެވި ކަންކަމުގެ މައުލޫމާތު އެމަނިކުފާން ހިއްސާކުރައްވާނެ،" އަލީ ނިޔާޒު ވިދާޅުވިއެވެ.
ރައީސް ނަޝީދާއެކު އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ކުރައްވާ މަޝްވަރާ ބައްދަލުވުންތަކުގައި ނިންމެވިކަންކަމުގެ މައުލޫމާތު އަލީ ނިޔާޒު ވިދާޅެއް ނުވެ އެވެ.
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މަޝްވަރާތަކުގައި ނިންމެވިކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ނިންމާފައި ވަނީ މަޝްވަރާތަކުގައި ނިންމެވި ކަންކަމުގެ މައުލޫމާތު އިއްތިހާދުގެ ކެބިނެޓާ ހިއްސާކުރުމަށް ފަހުގައެވެ. ފެބްރުއަރީ 2 ވަނަ ދުވަހުގެ ހެނދުނު އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެނބިނެޓްގެ މެންބަރުންނާ ރައީސް ނަޝީދު ވަނީ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. އެހެންކަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި އެޑްވައިޒަރީ ކޮމެޓީއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ނިންމެވި ކަންކަން އިދިކޮޅު އިއްތިހާދާ ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ނިޔާޒު ވިދާޅުވީ ހޯމަ ދުވަހު (މިއަދު) ހެނދުނު 10:00 އިން 4:00 އަށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވި ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި މަޝްވަރާކުރައްވަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގައި ކަމަށް ވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް، ރައީސް ނަޝީދު އެމްޑީޕީގެ އާންމު މެމްބަރުނާއި ސަޕޯޓަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށާއި އެ ބައްދަލުކުރެއްވުން އޮންނާނީ ފެބްރުއަރީ 2 ގައި ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.
މި ސަރުކާރުން ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިތާ މިހާރު ވަނީ އަހަރެއް ފުރިފަ އެވެ. އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ.