ސްޕެނިޝް ލަލީގާގައި ސެވިއްޔާ އަށް ދެވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުނުއިރު، ރެއާލް މެޑްރިޑު ޕޮއިންޓް ތާވަލުގައި ލީޑު ފުޅާކޮށްފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެސްޕަނިއޯލްއާ ވާދަކޮށް ސެވިއްޔާ ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ.
އެސްޕަނިއޯލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޮސޭ އެންޓޯނިއޯ ރެއިސް އެވެ.
މި ލަނޑަށްފަހު ވެސް އެސްޕަނިއޯލްއިން ދިޔައީ ސެވިއްޔާގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެހެން ނަމަވެސް އެސްޕަނިއޯލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ސްޓީވެން ޖޮވެޓިކްގެ ލަނޑުން ސެވިއްޔާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެސްޕަނިއޯލްއިން މެޗުގެ ލީޑު އަނބުރާ ނެގީ ފުރަތަމަ ހާފް ނިމެން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކް ނަވާރޯ އެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ސެވިއްޔާގެ މައްޗަށް އެސްޕަނިއޯލް ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ އެސްޕަނިއޯލް އެވެ. އެހެން ނަމަވެސް ސެވިއްޔާއިން ވެސް ވަނީ އެސްޕަނިއޯލް ހިފަހައްޓާ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގައި އެސްޕަނިއޯލް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު 71 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ސެވިއްޔާ އޮތީ ކުޅުނު 20 މެޗުން ލިބުނު 42 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ބާސާގެ ފަހަތުން ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއެކު އެސްޕަނިއޯލް އޮތީ ކުޅުނު 20 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގަ އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ރެއާލް ސޮސައިޑާޑްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ އެޓީމުންނެވެ. އެގޮތުން ރެއާލް އަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ލިބި ބޭކާރުވެފައެވެ.
މެޗުގައި ރެއާލް އިން ލީޑު ނެގީ 38 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މިޑްފިލްޑަރު ކޮވަކިޗް އެވެ. މި ލަނޑަށްފަހުވެސް ރެއާލްއަށް ވަނީ ލަނޑު ޖެހުމަށް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ސޮސައިޑާޑްގެ މައްޗަށް ރެއާލް ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން 51 ވަނަ މިނެޓުގައި ކޮވަކިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯވަނީ ލަނޑުޖަހާ ރެއާލް އަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ސޮސައިޑާޑް އަށް ހުރަސްތަކާ ކުރިމަތިވީ 74 ވަނަ މިނެޓުގައި އެޓީޟުގެ މާޓިނޭޒް އަށް ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ރަތް ކާޑެއް ދެއްކުމުންނެވެ. ރެއާލް އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވަނީ ބަދަލު އަލްވަރޯ މޮރާޓާއެވެ. މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 19 މެޗުން ލިބުނު 46 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ސޮސައިޑާޑް އޮތީ ކުޅުނު 20 މެޗުން ލިބުނު 35 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގަ އެވެ.