އެފްއޭ ކަޕްގައި ބޮޑު ތަފާތަކުން ވިގަން އެތުލެޓިކްގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑް ކުރިހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ވިގަންއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކޮށްފައިވަނީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައި ވާއިރު، ލަނޑު ޖެހުމަށްވެސް އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފްގައި ޔުނައިޓެޑުން ލީޑު ނެގިއިރު، މި ލަނޑު 44 ވަނަ މިނެޓުގައި ބަސްޓަން ސްވައިންސްޓައިގޭ އެހީތެރިކަމާއެކު އެޓީމަށް ލަނޑު ޖަހައިދީފައިވަނީ ފެލާނީ އެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރީގައޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 57 ވަނަ މިނެޓުގައި ކްރިސް ސްމޯލިން ކާމިޔާބުކޮށްދިން ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.
މި ލަނޑަށްފަހުވެސް ޔުނައިޓެޑުން ދިޔައީ ވިގަންގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. ޔުނައިޓެޑަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ 74 ވަނަ މިނެޓުގައި އެންތޮނީ މާޝިއާލްގެ އެހީތެރިކަމާއެކު ހެންރިކް މަހްތަރިޔާން އެވެ.
މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔަ ހަތަރުވަނަ ލަނޑު އަދި ފަހު ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި މެޗުގައި ޔުނައިޓެޑަށް މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސްވައިން ސްޓައިގާ އެވެ.