ކ. މާލެ
|
30 ޖެނުއަރީ 2017 | ހޯމަ 06:14
އޮސްޓްރޭލިއަން އޯޕަންގެ ފަސްވަނަ ތަށި ފެޑެރާ އުފުލާލަނީ
އޮސްޓްރޭލިއަން އޯޕަންގެ ފަސްވަނަ ތަށި ފެޑެރާ އުފުލާލަނީ
ގޫގުލް
އޮސްޓްރޭލިއަން އޯޕަން
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
ފެޑެރާއަކީ ތަފާތު ތިން ގްރޭންޑް ސްލޭމް މުބާރާތުގައި ފަސް ތަށި ހޯދި ފުރަތަމަ ޓެނިސް ކުޅުންތެރިޔާ
ބޮޑު މުބާރާތެއް ފެޑެރާ އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރު
މިއީ އޮސްޓްރޭލިއަން އޯޕަން ފެޑެރާ ކާމިޔާބުކުރި ފަސްވަނަ ފަހަރު

އޮސްޓްރޭލިއަން އޯޕަންގައި ރަފައެލް ނަޑާލް ބަލިކޮށް އުމުރުން 35 އަހަރުގެ ރޮޖާ ފެޑެރާ 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތް އުފުލާލައިފި އެވެ.

އާދީއްތަ ދުވަހު ކުޅުނު މި މެޗު ނަޑާލްއާ ވާދަކޮށް ފެޑެރާ ކާމިޔާބުކޮށްފައިވަނީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 4-6 ގެ ނަތީޖާއަކުން ފެޑެރާ ގެންދިޔައިރު، ދެވަނަ ސެޓް 3-6 ގެ ނަތީޖާއަކުން ނަޑާލް ވަނީ ކާމިޔާބުކޮށްފައެވެ. އެހެން  ނަމަވެސް ޖެހިގެން އައި ތިންވަނަ ސެޓް ފެޑެރާ ވަނީ ފަސޭހަކަމާއެކު 1-6 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ސެޓް 3-6 ގެ ނަތީޖާއަކުން ނަޑާލް ކާމިޔާބުކުރިއިރު، ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު 3-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފެޑެރާ އެވެ.

މިފަދަ ބޮޑު މުބާރާތެއް ފެޑެރާ އެންމެ ފަހުން ކާމިޔާބުކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެފަހަރު އޭނާ ކާމިޔާބުކޮށްފައިވަނީ ވިމްބެލްޑޮން އެވެ. މީގެއިތުރުން މިއީ އޮސްޓްރޭލިއަން އޯޕަން ފެޑެރާ ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފެޑެރާ ބުނީ އޮސްޓްރޭލިއަން އޯޕަން އަށް އޭނާ އަންނަތާ 20 އަހަރު ވެފައިވާ ކަމަށާއި، ކޮންމެފަހަރަކުވެސް އެއީ ފާހަގަކޮށްލެވޭ ފަހަރެއް ކަމަށެވެ.

އަންނަ އަހަރުވެސް ފެންނާނެ ކަމުގެ އުންމީދު އޮތްކަން ފާހަގަކުރަމުން ފެޑެރާ ބުނީ އޭނާ ކޮންމެފަހަރަކުވެސް އަންނަނީ މޮޅުވާން ކަމަށާއި، ކުރިޔަށް އޮތް މުބާރާތަށްވެސް އަންނަނީ މޮޅުވާން ކަމަށެވެ.

ފެޑެރާއަކީ ތަފާތު ތިން ގްރޭންޑް ސްލޭމް މުބާރާތުގައި ފަސް ތަށި ހޯދި ފުރަތަމަ ޓެނިސް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފަސް އޮސްޓްރޭލިއަން އޯޕަން، ފަސް ޔޫއެސް އޯޕަން އަދި ހަތް ވިމްބެލްޑަންސް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް