Advertisement
ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 23:04
އެންޓިކޮރޮޕްޝަން ކޮމިޝަން
އެންޓިކޮރޮޕްޝަން ކޮމިޝަން
ސަން އޮންލައިން
އޭސީސީ
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
މަގާމުގެ ނުފޫޒް ބޭނުން ކޮށްގެން އެއްވެސް ކަމެއް ކޮށްފައެއް ނުވޭ

މެރިން ރިސާޗް ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުން ސެކިއުރިޓީ ފާމަކާއި ހަވާލުކޮށްފައިވާއިރު، ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށް އެސްޓިމޭޓް ހޯދާފައިނުވާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރިއިރު ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.

މައްސަލައާ ގުޅިގެން އޭސީސީއިން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި، މަދުވެގެން ތިން ފަރާތުން އަންދާސީ ހިސާބު ހުށަނާޅާނަމަ އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން އިޢުލާން ކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވާއިރު، މި ބީލަމުގައި، މަދުވެގެން ތިން ފަރާތަކުން އަންދާސީ ހިސާބު ހޯދާފައިނުވާކަމާއި، އަދި އެގޮތަށް އަމަލުކޮށްފައި އެވަނީ ބޮޑަށް ލަފާކުރެވޭ ގޮތުގައި އެއީ ދެވަނައަށް ކޮށްފައިވާ އިޢުލާނުކަމަށް ވާތީ ކަމަށް އެ މިނިސްޓްރީގެ އިވެލުއޭޝަން ކޮމިޓީން ކޮމިޝަންގެ ތަޙްޤީޤަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވަނީ އެއް އިޢުލާނުކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންވެސް ދެވަނަ އިޢުލާނެއް ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ލިބިފައި ނުވާތީ އާއި، އަދި ކޮމިޝަނަށް ލިބިފައިވާ އިޢުލާނުގައި ވެސް އެފަދަ ވާހަކައެއް ބަޔާންކޮށްފައި ނުވާތީ، އެ މިނިސްޓްރީން ދެވަނަ އިޢުލާނެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިކަމަކީ މާލިއްޔަތު ގަވާއިދުގެ ބާބު 8 ގެ 19 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށް ތަހްގީގަށް ފާހަގަކުރެވިފައިވީ ނަމަވެސް، މިކަމަކީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްކަން ތަހްގީގަށް ސާބިތުވެފައިނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ،

މީގެއިތުރުން އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަކީ މިމަސައްކަތަށް އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތްކަމަށް ވާތީ އެ ފަރާތަކީ ސެކިއުރިޓީ ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ އަދި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކާއި އަމިއްލަ ބައެއް އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްކަމަށް އިވެލުއޭޝަން ކޮމެޓީން ފާހަގަކޮށްފައިވާ ކަަމަށެވެ. އެހެން ކަމުން ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރޮޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވާކަން ތަހުގީގުން ސާބިތުވެފައި ނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް