ކ. މާލެ
|
3 ސެޕްޓެންބަރ 2018 | ހޯމަ 13:33
އަޑުގަދަ ކުރާއެއް ހިފައިގެން އިބޫ ވާހަކަފުޅު ދައްވަނީ
އަޑުގަދަ ކުރާއެއް ހިފައިގެން އިބޫ ވާހަކަފުޅު ދައްވަނީ
އެމްޑީޕީ
ރިޔާސީ އިންތިހާބު 2018
ރަތަފަންދޫއިން ކަރަންޓު ކަނޑާލުމުން އިބޫ ނުކުތީ އަޑުގަދަ ކުރާ ހިފައިގެން!
ކަރަންޓު ކެނޑުނީއެއް ނޫން، ކަނޑާލީ: ކައުންސިލް ރައީސް
އެއީ ޓެކްނިކަލް މައްސަލައެއް: އިންޖީނުގެ މެނޭޖަރު
ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ އެމްޑީޕީއާ ގުޅިފައި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގދ. ރަތަފަންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، ރަށުން ކަރަންޓް ކެނޑިއްޖެއެވެ.

ރަތަފަންދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނިކޮށް، ކަރަންޓު ކެނޑުމުން އިބޫ ދެން ވާހަކަފުޅު ދެއްކެވީ އަޑުގަދަ ކުރާއެއް ބޭނުން ކުރައްވައިގެންނެވެ. އެގޮތުން ރައްޔިތުންގެ ހުރިމަތީގައި ހުއްޓިވަޑައިގެން ހުންވައި އެމަނިކުފާނުގެ ވެރިކަމެއްގައި ރަތަފަންދޫއަށް ކޮށްދެއްވާނެ ކަންތައްތައް ވަނީ ވިދާޅުވެ ދެއްވާފައެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރާޢްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށާއި އެގޮތުން ރަތަފަންދޫގައި ވެސް ފެނާ ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށެވެ.

ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް އެމްޑީޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ

އިބޫ ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ރަށުން ކަރަންޓު ކެނޑުނު މައްސަލާގައި، ރަށު ކައުންސިލްގެ ރައީސް ހުނައިފު އަސްލަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރަށުން ކަރަންޓު ކެނޑުނީ ނޫން ކަމަށާއި ކަނޑާލީ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރަށު ބޮޑު އަގުލަބިއްޔަތު އިބޫއަށް ތާއިދު ކުރަން ނިންމުމުން އެ ކަން ބަޔަކަށް ހަޖަމް ނުކުރެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރަށް ތާއިދުކޮށް، ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ރަށުގެ އިސް ބޭފުޅުން ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި ބޮޑު އަގުލަބިއްޔަތެއް ރަށުން އިބޫއަށް ލިބޭނެ ކަމަށެވެ.

ރަށު ކައުންސިލްގެ ތުހުމަތުތަކާ ގުޅޭ ގޮތުން ރަތަފަންދޫ އިންޖީނުގޭގެ މެނޭޖަރު އަހުމަދު ފައުޒީ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކަރަންޓު ކަނޑާލީ ނޫން ކަމަށާއި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަރަންޓު ކެނޑުނީ ކަމަށެވެ. ރަށުގެ ކަރަންޓު މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރަށުގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

- ކޮމެންޓް