ގދ. ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން، އެ ރަށުގެ ޕީޕީއެމަށް ތާއިދު ކުރާ ބައެއް އިސް ބޭފުޅުން ވެސް ވަނީ ގުޅިފައިވާ ޕާޓީތަކަށް ބައިއަތު ހިފާފައެވެ.
އެމްޑީޕީއަށް ތާއިދު ބޮޑު، ރަތަފަންދޫގެ ކައުންސިލްގެ ތިން މެމްބަރުނަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ރަތަފަންދޫއިން ވޯޓުލީ މީހުންގެ 56 ޕަސެންޓް ވޯޓު ދީފައި ވަނީ އެމްޑީޕީއަށެވެ.
ހޯމް މިނިސްޓަރު މުހައްމަދު އަޒްލީން ނިސްބަތްވެވަޑައިގަންނަވާ ރަތަފަންދޫއަށް އިބޫ ވަޑައިގެންނެވުމުން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ހަމަނުޖެހުމެއް ހިނގާފާނެތީ، ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ފޯރިމަރާފައިވެއެވެ.
ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް އެމްޑީޕީއަށް ސޮއި ކުރެއްވާފައި ވަނީ ހުވަދޫގެ ބައެއް ރަށްތަކުގައި މަސައްކަތް ކުރާ ސިވިލްސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުން އިބޫއަށް މަރުހަބާ ދެންނެވުމަށް ފާޅުގައި ނުކުމެވަޑައިގެންފައިވަނިކޮށެވެ. އެގޮތުން ގދ. ތިނަދޫ އާއި ގއ. ކޮލަމާފުށްޓާއި ގއ. ވިލިނގިލީގެ މުވައްޒަފުން ވެސް ވަނީ އިބޫއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.