ދިވެހި ރައްޔިތުން ބޭނުންވަނީ ހުރިހާ ފިކުރެއް ހަޖަމް ކުރެވޭނެ ލީޑަރެއް މިގައުމަށް ގެންނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ރާއްޖެ އޮތީ ބައިބައިވެފައިވާ ކަމަށާއި، ބައިބައިވުންތައް އުފެދުނީ އިންތިޚާބު ކުރެވުނު ވެރިއެއްގެ ސަބަބުން ކަމަށެވެ. އަމީތު ވިދާޅުވީ ރާއްޖެ ބޭނުންވަނީ ބައިބައިވުންތައް ނައްތާލާ ރައްޔިތުން އެއްބައިވަންތަ ކުރެވޭނެ ވެރިއެއް ކަމަށާއި، ތަފާތު ފިކުރުތައް އަޑު އެއްސެވޭނެ ގާބިލްކަން ހުރި ވެރިއެއް ކަމަށެވެ.
އަމީތު ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ތަފާތު ސިޔާސީ ފިކުރުތަކާއެކު ވެސް އެބައިވަންތަ މުޖުތަމައު އެއް ކަމަށާއި، އެކަން ކުރުމުގެ ގާބިލްކަން ހުރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އެކަނި ކަމަށެވެ. އަމީތު ވިދާޅުވީ ގައުމު ހަލާކުވެގެން މިދަނީ ރައްޔިތުންގެ ތަފާތު ފިކުރުތައް ހަޖަމް ކުރެވޭނެ ވެރިއެއް މިގައުމުގައި ނެތުމުން ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހުއަށް ގައުމު އެއްބައިވަންތަ ކުރެވޭނެ. ހުރިހާ އަޑެއް އެއްސެވޭނެ. ހުރިހާ މަންޒަރެއް ބެއްލެވޭނެ. ހުރިހާ ފިކުރެއް ހަޖަމް ކުރެވޭނެ އިނގޭތޯ. އަޅުގަނޑުމެން އެތަޖުރިބާ ކޮށްފައި ތިބީމަ އަޅުގަނޑުމެން މިވާހަކަ މިދައްކަނީ." އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެކިކުލައިގެ ފިކުރުތައް ފެންނަ ތަފާތު ކުލަތައް ހަޖަމް ކުރެވޭނެ ލީޑަރަށް މިގައުމަށް ގެންނާނެ ކަމަށާއި، ރައްޔިތުންގެ އިހުސާސްތަކަށް އަނިޔާވެރިވި މީހަކު މިގައުމުގެ ހުންގާނުގައި ނުބަހައްޓާނެ ކަމަށެވެ.
ކިތަންމެ ވަރަށް ވެރިކަމުގައި ވަކި ހިއްޕާލި ނަމަވެސް ރައްޔިތުން ވޯޓުން ބަލިކުރެވޭނެ ކަމަށާއި، ވޯޓު އޮޅުވާ ނުލެވޭނެ ކަމަށް އަމީތު ވިދާޅުވިއެވެ.
ޖަލަށްލައި މަރާލިއަސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެކަން ފާހަގަކުރައްވައި އަމީތު ވިދާޅުވީ ރައްޔިތުންގެ ބާރަށް ވުރެ ގަދަ ނުވޭނެ ކަމަށާއި، ނިގުޅައިގަތް ހައްގުތައް އަބުރާ ހޯދާނެ ކަމަށެވެ. އަމީތު ވިދާޅުވީ މުގުރުން ޖަހައި ޕެޕާރ ސްޕްރޭ ބޭނުން ކޮށްގެން ރައްޔިތުން ގެއަށް ވެއްދޭނެ ކަމަށް މިސަރުކާރުން ހީކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.
ރައްޔިތުން ހައްގު ބަސް ބުނެ ގައުމަށް ގައްދާރުވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި، ހައްގު އަދަބު ދޭނެ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށް އަމީތު ވިދާޅުވިއެވެ.