ބ. ތުޅާދޫގައި ކަރަންޓް ނެތުމުގެ ސަބަބުން ސްކޫލް ބަންދު ކޮށްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ 3:30 އިން ފެށިގެން އެރަށުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވަނީ އެރަށުގައި ބޭނުން ކުރަމުންދާ އިންޖީނު އޯވަރހޯލް ކުރަމުން ދާތީ ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ތުޅާދޫގައި ބޭނުން ކުރަމުން ގެންދަނީ 250 ކިލޯ ވޯލްޓްގެ ދެ ޖަނަރޭޓަރާއި 200 ކިލޯ ވޯލްޓްގެ ޖަނަރޭޓަރެއް ކަމަށާއި އެތަނުން ޖަނަރޭޓަރެއް އޯވަރހޯލް ކުރަން ވެއްޖެ ނަމަ މުޅި ރަށުން ފަހެއް ނުވަތަ ހަ ގަޑިއިރަށް ކަރަންޓް ކަނޑާލަން ޖެހޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ތުޅާދޫއަށް ކަރަންޓްގެ ޚިދުމަތް ލިބޭނެ ވަކި އިރެއް ނޭންގޭ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.