ކ. މާލެ
|
3 ސެޕްޓެންބަރ 2018 | ހޯމަ 10:27
ޝެއިޚް އިލްޔާސް.ދީނީ އިލްމުވެރިންނަށް މި ދައުރުގައި މިނިވަންކަމެއް ނެތް
ޝެއިޚް އިލްޔާސް.ދީނީ އިލްމުވެރިންނަށް މި ދައުރުގައި މިނިވަންކަމެއް ނެތް
އަދާލަތު ޕާޓީ
ޝެއިޚް އިލްޔާސް
އަޅުގަނޑު ޖަހާނީ ޕެނަލްޓީ، ދިފާއު ކުރާނީ ދިފާއު ކުރާ ބަޔަކު: އިލްޔާސް
ހުރިހާކަމަކަށް ޕްރޫފް ދައްކާނަން ގުރުއާނާއި ހަދީސުން
އަނިޔާވެރިކަމުގެ ތެރެއިން އެންމެން ނިކުންނަން ޖެހޭ
އިލްމުވެރިންނަށް މި ދައުރުގައި މިނިވަންކަމެއް ނެތް

ދައްކަވާފައި ހުރި ވާހަކަތަކާއި ގުޅިގެން އެއްވެސް މީހަކަށް ޖަވާބު ނުދެއްވާނެ ކަމަށާއި އޭނާގެ ވާޖިބަކީ "ޕެނަލްޓީ" ޖެހުން ކަމަށް ވިދާޅުވެ ޝެއިޚް އިލްޔާސް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް އަލީ ސައީދަށް ރައްދު ދެއްވައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އައްޑޫ ހުޅުމީދޫގައި ވާހަކަ ދައްކަވަމުން ޝަހީމަށް ރައްދު ދެއްވާ އިލްޔާސް ވިދާޅުވީ ފުރާނަ ހުރިހާ ހިނދަކު ޕެނަލްޓީ ޖަހާނެ ކަމަށާއި އެކަންތައްތައް ދިފާއު ކުރައްވާނީ އެބޭފުޅުން ކަމަށެވެ. 

އިލްޔާސްގެ ވާހަކައިގައި ވަކި މީހެއްގެ ނަން ހާމަ ނުކުރައްވައެވެ. ނަމަވެސް ހދ.ނޮޅިވަރަމްގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.ޝަހީމް އަލީ ސައީދު އިލްޔާސަށް ނުސީދާކޮށް ވިދާޅުވެފައިވާ ވާހަކަތަކަށް ވަނީ ރައްދު ދެއްވާފައެވެ. ނޮޅިވަރަމްގައި  ޝަހީމް ވިދާޅުވީ އެއްވެސް ޝޭހަކަށް ބިރު ގަންނަން ނުޖެހޭނެ ކަމަށާއި ފަސް އަހަރުން އެއްފަހަރު ޝޭހަކު ނުކުމެ ހުކުމެއް އިއްވައިގެން ވެރިކަން ވައްޓާލަން ނުޖެހޭނެ ކަމަށެވެ. އަދި ބައެއް އިލްމުވެރިން ރާއްޖޭގައި ނަސާރާދީން ފަތުރަން މަސައްކަތް ކުރި މީހުންނާ އެކު އެކަކަށް ކެމްޕޭން ކޮށްދެމުންދާ ކަމަށާއި އެކަން ހުއްޓާލާފައި ހައްގަށް ރުޖޫއަވާން ގޮވާލައްވާ ކަމަށް ވިދާޅުވިއެވެ. 

އިލްޔާސް ވިދާޅުވީ ޔަހޫދީ ދީން ފަތުރާ މީހެކޭ ވިދާޅުވިއަސް އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ ކަމަށެވެ. 2008 ވަނަ އަހަރުވެސް ރައްޔިތުން ބަދަލަކަށް އެދިގެން ވާހަކަ ދެއްކި ކަމަށާއި ހެޔޮކަންތައްތަކާއި ޚިލާފަށް އޭނާއަށް ފެނުނު ކަންތައްތަކާއި ގުޅިގެން ވާހަކަ ދެއްކެވި ކަމަށް ވިދާޅުވިއެވެ. އެ ދަލީލަކަށް ނަގައިގެން އޭނާ "ދެދުލުން " ވާހަކަ ދައްކަވާ ކަމަށް ބުނެ ބަދުނާމު ކުރި ކަމުގައިވިއަސް އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑުގެ ވާހަކައެއް ނޫން މީ. އެއްވެސް ގޮތަކަށް އިލްޔާސް ދެ ދުލުން ވާހަކަ ދައްކައިގެން ދެ ގޮތަކަށް ވާހަކަ ދައްކަނީއެއް ނޫން، އަޅުގަނޑު އެއިން އެއްވެސް މީޙަކަށް ޖަވާބު ދޭކަށް ނެތިން. އަޅުގަނޑު ހަމަ އެކަނި ޕެނަލްޓީ ޖަހާނީ. ދިފާއު ކުރާނީ އެމީހުން. އިންޝާﷲ. އަޅުގަނޑުގެ ކަމަކީ ޕެނަލްޓީ ޖެހުން. އަޅުގަނޑުގެ ފުރާނަ ހުރިހާ ހިނދަކު ޖަހާނަން. ދިފާއު ކުރާމީހުން ދިފާއު ކުރަންވީ. ޔަހޫދީ ދީން ފަތުރާ މީހެކޭ ޔަހޫދީންނާ ބައިވެރިވެގެނޭ މިވެނި މީހެކޭ އެވެނި މީހެކޭ. އަޅުގަނޑުގެ އެކަމުގެ މައްސަލައެއް ނެތް. ހަމަ އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ. އަޅުގަނޑު ހުރިހާ ކަމަކަށް ޕްރޫފް ދައްކާނަން ގުރުއާނާއި ހަދީސުން." އިލްޔާސް ވިދާޅުވިއެވެ. 

ޝެއިޚް އިލްޔާސް ވިދާޅުވީ އޭނާ މިހާތަނަށް އަދާކުރެއްވި މަގާމެއް ނެތް ކަމަށާއި މަގާމެއްގައި ނޫޅުއްވީ ނުލިބިގެން ނޫން ކަމަށެވެ. އޭނާގެ މަގްސަދަކީ ރާއްޖޭގެ ރައްޔިތުންނަށް އެނގިހުރި މިންވަރަކުން ކިޔައި ދެއްވުން ކަމަށް ވިދާޅުވިއެވެ. 

މިއަދުގެ ރައީސަށް 5 ސޮފްހާގެ ސިޓީއެއް ފޮނުއްވި ކަމަށާއި އޭނާގެ ގާތް އަޚަކު އެ ސިޓީގައި ހުރި އާޔަތްތައް ރައީސް ކޯފާ ވެދާނެތީ ނެގުމަށް އެންގި ކަމަށެވެ. އަދި އެވާހަކަ ޕޯޑިއަމަށް އަރާ ދެއްކެވީ އެމީހަކަށް ހަނދާން ކޮށްލަ ދިނުމަށް ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑު ހިތާމަކުރަން އަޅުގަނޑުގެ އަޚަކު. އަޅުގަނޑު މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް 5 ސޮފްހާގެ ސިޓީއެއް ފޮނުވިން. މިއަދު އެކަން ސިއްރުވިއަސް ބުނަން މަޖުބޫރުވެގެން މި ބުނީ. ފޮނުވިރޭ އަޅުގަނޑު އާޔަތްތަކަށް ލިޔުނީމާ އަޅުގަނޑުގެ އަޚަކު ވިދާޅުވަނީ ތިއާޔަތްތައް ޝެއިޚް ނުލިޔާށޭ އެމީހުން ރުޅިއަތުވެދާނޭ، ރުޅިއަތުވެދާނެއް ނޫންހޭ.. ކީއްކުރަންހޭ އެމީހުން ރުޅިއަރުވަނީ..ރުޅި އަރުވައިފިއްޔާ ކިހިނެތްހޭ ވަނީ. މިއަދު ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ. ކަލޭ ދާށޭ ގެއަށް. އަޅުގަނޑު ދެންނެވިން ތި އާޔަތްތައް ފުހެލާ ކަމަށްވާނަމަ އަޅުގަނޑުގެ ސިޓީގެ ބޭނުމެއް ނެތޭ. ހަނދާންކޮށްލަ ދިނީ،" ވަކި މީހެއްގެ ނަން ހާމަ ނުކޮށް ޝެއިޚް ވިދާޅުވިއެވެ. 

އިލްޔާސް ވިދާޅުވީ ރައްޔިތުން މިތިބީ އަޅުވެތިކަމެއްގެ ތެރޭގައި ކަމަށާއި  އަނިޔާވެރިކަމުގެ ތެރެއިން އެންމެން ނިކުންނަން ޖެހޭ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައިވެސް އަދި ކުރީގެ ރައީސް މުހައްމު ނަޝީދާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައިވެސް ދީނާ ޚިލާފަށް ހިންގާފައިވާ ވާޙަކަތައް ދައްކާ އެއަށް ރައްދު ދެއްވި ކަމަށެވެ. އެހެން ނަމަވެސް އެންމެ ބޮޑު "މުސީބާތްތައް" އައީ މިދައުރުގައި ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ކުރިން ވެރިކަން ކުރެއްވި ދައުރުތަކުގައި ދީނީ އިލްމުވެރިންނަށް މިނިވަންކަން އޮތް ނަމަވެސް މިދައުރުގައި ދީނީ އިލްމުވެރިންނަށް މިނިވަންކަމެއް ނެތް ކަމަށް އިލްޔާސް ފާހަގަ ކުރެއްވިއެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް