ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ސިޔާސީ ނުފޫޒަށް ލެނބޭ އެއްވެސް ބޭފުޅަކަށް މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ނުހުރެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބޫ އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ވަޑައިގެން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި އިބޫ ވިދާޅުވީ ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކަށާއި ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެ، ސަރުކާރުގެ ކެމްޕެއިން ހަރަކާތްތަކުގައި ވެސް ބައިވެރިވަމުންދާ ކަމަށެވެ.
"ރިޔާސީ އިންތިހާބާ ދިމާކޮށް ބައެއް މިނިވަން މުއައްސަސާތައް ހުރިގޮތަށް މިރަށަށްއަރާ (ގއ. ވިލިގިއްޔަށް) ޑޯޓުޑޯ ހަދައި ކެމްޕެއިން ކުރަމުން އެބަގެންދޭ. މިނިވަން މުއައްސަސާތައް އެކަންޏެއް ނޫން އެކަން ކުރަނީކީ، މިނިވަން މުއައްސަސާތަކުން އެކަންކުރާއިރު، ދައުލަތުގެ ބޮޑެތި ބާރުތަކާއެކު އެކަން އެބަކުރޭ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ސިޔާސީ ނުފޫޒަށް ލެނބޭ އެއްވެސް މީހަކަށް މިނިވަން މުއައްސަސާއެއްގެ މަގާމަކު ނުހުރެވޭނެ،" އިބޫ ވިދާޅޫވި އެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެމްބަރެއްގެ ގޮތުގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުންނެވުމަށްފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރައްވައި، އިދިކޮޅު ކޯލިޝަނާ ގުޅުމާއެކު ވިލިނގިލިން 38 މީހެއްގެ ވަޒީފާ ގެއްލިފައިވާއިރު، 8 މީހެއްގެ ވަޒީފާ އެހެންތަންތަކަށް ބަދަލުކޮށް އާއިލާއާ ދުރުކޮށްލާފައިވާ ކަމަށެވެ. އިބޫ ވިދާޅުވީ ވަޒީފާ ގެއްލުވާލި ހުރިހާ ބޭފުޅުންނަށް ގުޅިފައިވާ ސަރުކާރެއްގައި ވަޒީފާ އަނބުރާ ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ ޝަރުއީ ދާއިރާއިންނާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށެވެ. އެގޮތުން ހާއްސަ ގޮތެއްގައި އިބޫ ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނަން ފާހަގަކުރައްވާފަ އެވެ.
މީރާއިން މަސައްކަތް ކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި މީރާއަކީ ވިޔަފާރިތަކަށް ހުރި ބިރަކަށްވެ، ވިޔަފާރިތައް ބަނގުރޫޓު ކުރާތަނަކަށް ވެގެންނުވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.