ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ އެންމެބޮޑު އެއްމަސައްކަތަކީ އިންސާފު ގާއިމު ކުރުމަށް ގުޅިފައިވާ ކޯލިޝަންގެ ރިޔުާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ އާއި ކެމްޕެއިން ޓީމުން ގއ. އަދި ގދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދިއްތަ ދުވަހު ގއ. ވިލިގިއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ހާއްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ވެރިކަމުގެ އެންމެ މުހިއްމު ސިފައަކަށް ވެގެންދާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ.
"ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އަޅުގަނޑުމެން ދޫކޮށްލާނެ ދެ ސިފައެއް ނޫން. މިއަދު ރާއްޖޭގައި މިވަނީ އިންސާފު ގެއްލިފައި. އިންސާފު ނުލިބެނީ ކޯޓުތަކުން އެކަންޏެއްވެސް ނޫން. ވަޒީފާ ދިނުމުގަޔާއި ޕްރޮމޯޝަން ދިނުމުގަޔާއި ވަޒީފާއިން ވަކިކުރުމުގަޔާއި ސަރުކާރުން ދޭ ހިދްމަތްތައް ދިނުމުގައިވެސް މިވަނީ އިންސާފުން އެއްކިބާވެފަ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ދައުލަތް ހިންގުމުގައި ވެރިކަމުގެ ބާރުން މިވަނީ ގާނޫނު ހެދުމުގެ ބާރު ލިބިގެންވާ ރައްޔިތުންގެ މަޖިލީހާއި އަދުލްއިންސާފު ގާއިމު ކުރުމުގައި ބާރު ލިބިގެންވާ ޝަރުއީ ކޯޓުތަކުގެ ތެރެއަށް ވެރިވެގަނެފަ ކަމަށެވެ.
"މުށު ތެރެއަށް ދައުލަތުގެ ތިންބާރު ލައްވައިގެން ހުދުމުހުތާރު ވެރިކަމެއް މިއަދު ރައީސް ޔާމީން ކުރައްވަމުން އެގެންދަވަނީ،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ހުއްޓުވުމަށް ގެނަސްފައި އޮތްއޮތުން އެއީ އެންމެ ކަންބޮޑުވެވަޑައިގަންނަވާ ކަންކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް އެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރުމުގެ ފުރުސަތު ނުދެއްވާ ހިފަހައްޓާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ 12 މެމްބަރުންގެ އެއްވެސް ކުށެއް ނެތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ނުކުރެވޭނެ އެއްވެސް ހާލަތެއް އޮވެގެނެއް ނުވާނެ،" ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބޫ ވިދާޅުވި އެވެ.