ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 13:50
ކެމްޕޭނު ޖަލްސާއެއްގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ
ކެމްޕޭނު ޖަލްސާއެއްގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ
ޙުސައިން ޙަސަން
ރިޔާސީ އިންތިޚާބު 2018
ވެރިކަމަކީ ދެ ތިން ގެއެއްގެ ދެމެދުގައި އޮންނަ ހަނގުރާމަ އަކަށް ވެގެންނުވާނެ: ޝަހީމް
ރާއްޖޭގެ ވެރިކަން އާޖީލަކަށް ވާރުތަވާންޖެހޭ ކަމަށް ވިދާޅުވި
އެ ޖީލުގެ މުއައްސިސަކީ ރައީސް ޔާމީނަށް ވާންޖެހޭ ކަމަށް ވިދާޅުވި
ކޯލިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވި

ދިވެހިރާއްޖޭގެ ވެރިކަމަކީ ދެ ތިން ގެއެއްގެ ދެމެދުގައި އޮންނަ ހަނގުރާމަ އަކަށް ވެގެންނުވާނެ ކަމަށް ރައީސް އަބްދު ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހަނިމާދޫގައި އޮތް ކެމްޕޭނު ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ވެރިކަމަކީ ވަކި އާއިލާތަކެއްގެ މެދުގައި އޮންނަންޖެހޭ ކަމަށް ދެކޭ ދެކުން ބަދަލުކޮށް އެކަމަށް ނިމުން ގެންނަންޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ދިވެހި ދައުލަތުގެ ވެރިކަން އާ ޖީލަކަށް ވާރުތަ ވާންޖެހޭ ކަމަށެވެ. އަދި އެ ޖީލުގެ މުއައްސިސަކީ ރައީސް ޔާމީނަށް ވާންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ދިވެހިން ބަދަލަކަށް އެދިގެން ވޯޓުލުން ނިމިއްޖެ ކަމަށާއި ރާއްޖޭގެ ހިންގުމުގެ ސިޔާސަތު އިސްލާހުކޮށް ނިމިފައިވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

"އިސްލާހީ ހަރަކާތާއި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާއި ބަދަލަކަށް ބޭނުން ވެގެން ވޯޓުލުމާއި މި ކަންކަން މިހާރު ނިމިއްޖެ. ދެން އިތުރަށް އާ ކޯލިޝަނަކަށް ވެރިކަން ހަވާލުކޮށްގެން ދެން ވާނެ ވަކި ފައިދާއެއް ނެތް" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ކޯލިޝަނަކާ ވެރިކަން ހަވާލުކޮށްފި ނަމަ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭނެ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި ސަރުކާރު ހިންގަން ދަތިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަން 2008 ގައި އެކުލަވައިލި ކޯލިޝަން ވެސް އެންމެ 21 ދުވަހުގެ ތެރޭގައި ރޫޅިފައިވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ތަފާތު ފިކުރުތަކުގެ މައްޗަށް އެކުލަވައިލާ ކޯލިޝަންތައް ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން އެކަކަށް ދެ ދައުރު ވެރިކަން ކުރެވޭތީ  ރިޔާސީ ދެވަނަ ދައުރެއް ރައީސް ޔާމީނަށް ދޭން ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް