Advertisement
ކ. މާލެ
|
29 ޖެނުއަރީ 2017 | އާދީއްތަ 21:00
އިބްތިހާލް: ދައުވާކޮށްފައިވާ ފަސް މީހުން ވެސް ވަނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އިހުމާލުވެފައި
އިބްތިހާލް: ދައުވާކޮށްފައިވާ ފަސް މީހުން ވެސް ވަނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އިހުމާލުވެފައި
ގޫގުލް
އިބްތިހާލުގެ މަރު
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ފަސް މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ
ރަޝީދާއި ޝަކީބު ތިބީ ޖެންޑާ މިނިސްޓްރީގެ ޒިންމާއުފުލަންޖެހޭ މަގާމުތަކުގައި
އިބްތިހާލަށް އަނިޔާކުރި މައްސަލައިގައި ރަކީދޫ އަށް ދިޔައީ ޝުޒާދު އާއި ޝިޔާޒާ

މުހައްމަދު އިބްތިހާލް މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އޭނާ އަށް މަންމަ އަނިޔާކުރި މައްސަލައެއް ހުށަހެޅުމުން ވެސް، އެ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުގައި ޒިންމާއާ ހަވާލުވެތިބި ފަރާތްތަކުން ފިޔަވަޅު އަޅާފައިނުވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ދައުލަތުން އެހެން ބުނެފައިވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު, އުމުރުން ތިން އަހަރުގެ އިބްތިހާލުގެ މަރުވި މައްސަލައިގައި އިހުމާލުވެފައިވާ ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގަ އެވެ.

އެމައްސަލާގައި ދައުވާ ކޮށްފައިވަނީ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފުން ކަމަށްވާ ގދ. ދެއްވަދޫ, ނަސްރީނުގޭ، މުހައްމަދު ރަޝީދާއި، ފ. ފީއަލީ, ގުލްއަލާގެ މުހައްމަދު ޝަކީބުގެ އިތުރުން އެ މިނިސްޓްރީގެ ވަޒީފާ އިން މިހާރު ވަކިވެފައިވާ ގދ. ފިޔޯރީ, ބީޗްހެވަން އަހުމަދު ޝުޒާދާއި ވ. ފެލިދޫ, ނަލަހިޔާ އާމިނަތު ޝިޔާޒާގެ މައްޗަށެވެ. ފުލުހުންގެ ނޮދަން އޭރިއާގެ އެކްޓިންގ ކޮމާންޑަރަކަށް ހުރި ބ. އޭދަފުށި, މާބަގީޗާގެ ލިސާން އަބޫބަކުރުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.

އެ ދައުވާތަކުގެ ޝަރީއަތް އާދިއްތަ ދުވަހު ފެށިއިރު، މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އެއްކޮށެވެ. އެދެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު 29 ގައި އިބްތިހާލަށް އަނިޔާކުރި މައްސަލައެއް ވ. އަތޮޅު ފެމެލީ އެންޑް ޖެންޑާ ސެންޓަރަށް ހުށަހެޅުނު ކަމަށާއި އެއިރު އެފަދަ މައްސަލަތައް ކުރިއަށްދާގޮތް ބެލުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މަގާމުގައި ތިބީ ޝަކީބާއި ރަޝީދު ކަމަށެވެ.

ނަމަވެސް، އެ މަގާމުގައި ތިބެގެން އިބްތިހާލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށާއި، ފިޔަވަޅު ނާޅައި އޮއްވާ ޖެހިގެން އައި މަހުގެ ތެރޭގައި ސީރިއަސް އަނިޔާތަކެއް އިބްތިހާލަށް އަނެއްކާ ވެސް ލިބި ދުނިޔެ ދޫކުރި ކަމަށް އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.

ދައުވާ އިއްވުމުން ރަޝީދާއި ޝަކީބު ވެސް ވަނީ ދައުވާ އަށް އިންކާރުކޮށް، ވަކީލަކު ހަމަޖެއްސުމަށް ހަތް ދުވަހުގެ މުއްދަތަކަށް އެދިފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ވަކީލަކު ހަމަޖެއްސުމަށް ހަތް ދުވަސް ދެއްވާފަ އެވެ. އެ ދެ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އިބްތިހާލް މަރުވިއިރު، ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރެން ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ޝުޒާދުއާއި ޝިޔާޒާގެ ޝަރީއަތް ވެސް ބާއްވާފައިވަނީ އެއްކޮށެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު 29 ގައި އިބްތިހާލަށް އަނިޔާކުރި މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ވ. ރަކީދޫ އަށް އެ ދެ މީހުން ދިޔަ ކަމަށެވެ. ނަމަވެސް އިބްތިހާލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ދެ މީހުން ވެސް އަޅާފައިނުވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ދައުވާ އިއްވުމުން ޝުޒާދުއާއި ޝިޔާޒާ ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.  ވަކީލަކު ހަމަޖެއްސުމަށް 14 ދުވަހުގެ ފުރުސަތަކަށް ޝިޔާޒާ އެދުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ.

ޝުޒާދު ކޯޓަށް ހާޒިރިވީ ވަކީލަކާ އެކު އެވެ. ދައުވާ އަށް ޖަވާބުދާރީވަމުން ޝުޒާދުގެ ވަކީލު ވިދާޅުވީ އިބްތިހާލު މަރުވި ހާދިސާ ހިނގިއިރު، ޝުޒާދު ހުރީ ޕްރޮބޭޝަންގައި ކަމަށާއި، އޭނާ މަސައްކަތް ކުރަމުންދިޔައީ ޝިޔާޒާ އެންގި ގޮތަކަށް ކަމަށެވެ. އިބްތިހާލުގެ ހާލަތު ބެލުމަށް ރަކީދޫ އަށް ދިޔައިރު ޝުޒާދުގެ ގާނޫނީ އެއްވެސް ޒިންމާއެއް ނެތް ކަމަށާއި ޕްރޮބޭޝަންގައި ހުރުމުގެ ސަބަބުން މަސްއޫލިއްޔަތުތައް އެއިރު ކަނޑައެޅިފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އިހުމާލު ވަނީ މަންމަ ކަމެއް އެއިރު ޔަގީންނުވާތީ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅެއް ނޭނގޭ ކަމަށް ވަކީލު ވިދާޅުވި އެވެ.

ވަކީލުގެ ވާހަކަތަކާ ގުޅިގެން، ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ވަކީލު ވާހަކަ ދައްކަވަނީ މި މައްސަލަ ވަރަށް ކުޑަ ކަމަކަށް ހަދައިގެން ކަމަށާއި، މި މައްސަލައަކީ ބޮޑެތި އަނިޔާތަކެއް ލިބިގެން ކުޑަ ކުއްޖަކު މަރުވި މައްސަލައެއް ކަމަށެވެ. ޝުޒާދުގެ ޒިންމާއެއް އެކަމުގައިވާ ކަމަށް ފާހަގަކުރައްވަމުން ނިހާޔަތު ވިދާޅުވީ ޝުޒާދު މަސައްކަތް ކުރަމުންދިޔައީ ޝިޔާޒާ އެންގި ގޮތަކަށް ކަމަށް ވަކީލު ވިދާޅުވީ ހަގީގަތާ ޚިލާފަށް ކަމަށެވެ.

ނިހާޔަތު ވިދާޅުވީ އެއިރު ޝުޒާދު މަސައްކަތް ކުރަމުންދިޔައީ އެސިސްޓެންޓް ކައުންސިލަރެއްގެ ގޮތުގައި ކަމަށާއި، މައްސަލައިގެ މައުލޫމާތު ވެސް އޭނާ މާލެއަށް ފޮނުވި ކަމަށެެވެ.

ޝުޒާދު އާއި ޝިޔާޒާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

ފުލުހުންގެ ވ. އަތޮޅުގެ ކޮމާންޑަރުގެ މަގާމުގައި ހުރި ލިސާން އަބޫބަކުރުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު 29 ގައި އިބްތިހާލަށް އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ތަހުގީގުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އޭނާ ކޮށްފައިނުވާ ކަމަށާއި އިބްތިހާލަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާފައިނުވާ ކަމަށެވެ.

ދައުވާ އިއްވުމުން ލިސާން ބުނީ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކާނީ ވަކީލަކާއެކު ކަމަށެވެ. ވަކީލަކު ހަމަޖެއްސުމަށް 15 ދުވަހުގެ ފުރުސަތަކަށް އެދުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.

އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. އާފިޔާގެ މައްޗަށް ކުރި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ކޮށްފައިވާ ކަމަށާއި އިބްތިހާލު މާރާލާފައިވާ ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް