ކ. މާލެ
|
31 އޯގަސްޓް 2018 | ހުކުރު 11:01
ހަސަން ލަތީފް ބ. ދަރަވަންދޫގައި ވާހަކަފުޅު ދައްކަވަނީ
ހަސަން ލަތީފް ބ. ދަރަވަންދޫގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ ރޭސް 2018
ކޯލިޝަން ވެރިކަމެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެ: ލަތީފް
ކައުންސިލްތައް ވެގެންދާނީ ރަށުގެ މަލަމައްޗަށް ކަމަށް ހަސަން ލަތީފް ވިދާޅުވި
އެންމެހާ އެއްޗެއް ކުއްޔަދިނުމުން ލިބޭ ފައިދާގެ އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ކަމަށް ވިދާޅުވި

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރަށުގެ ކައުންސިލްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބ. އަތޮޅު ދަރަވަންދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަށް ދޭން ސަރުކާރެއް އުފެއްދަން މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި އެ ސަރުކާރުގައި މިނިސްޓްރީތަކުގެ ބައެއް ބާރުތައް ކައުންސިލްތަކަށްދީ އެ ކައުންސިލްތައް ބާރުވެރި ކުރުވާނެ ކަމަށެވެ. ރަށުގެ ބިމާއި، ފަޅާއި، ފަރާއި، ކަނޑާއި، އަދި އެތަންތަނުގައިވާ އެންމެހާ އެއްޗެއް ކުއްޔަދިނުމުން ލިބޭ ފައިދާގެ އިންސައްތައެއް ކައުންސިލަށް މިލްކުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ހަމައެއާ އެކީގައި ކޮންމެ ރަށެއްގެ ކަނޑުން ހޭލާ ހިސާބުން، ހޭފަށުން އެތެރޭގައިވާ ގުދުރަތީ ވަސީލަތްތައް އެ ރަށަކަށް ލިބޭނެ. އެ ސަރުކާރުގައި އިރާދަ ކުރެއްވިއްޔާ، ކައުންސިލްތަކަކީ ބާރުވެރި އުފެއްދުންތެރި ކައުންސިލްތަކަކަށް ހެދިގެންދާނެ. ހަމަ އެއާއެކީގައި އޭގެ އިތުރުން މިހާރު ސަރުކާރުގެ މިނިސްޓްރީތަކާއި އަދި ދައުލަތުގެ އެކިއެކި އޮފީސްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކައުންސިލްތަކަށް އަޅުގަނޑުމެން ބަދަލު ކުރާނެ މަސައްކަތްތައް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކަނޑައަޅާ. އެ މަސައްކަތްތައް ކައުންސިލްތަކަށް ބަދަލު ކުރީމާ ކައުންސިލްތަކުން ރައްޔިތުންނަށް ގާތުން ޚިދުމަތް ދެވެން ފެށީމާ ތިޔަބޭފުޅުންނަށް ދަތުރު ފަތުރުކުރުމާއި އެކަންކަމުގެ ތެރެއިން އެ އުފުލަން ޖެހޭ ތަކްލީފަށް އުފުލާކަށް ނުޖެހޭނޭ، މި ރަށަކީ ބާރުވެރި ފުދުންތެރި ރަށަކަށް ވެގެން ދާނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

ކައުންސިލްތައް ވެގެންދާނީ ރަށުގެ މަލަމައްޗަށް ކަމަށާއި ގެސްޓް ހައުސް ހިންގުމަށް ކައުންސިލްތަކަށް އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އެ ރަށެއް ޕްރޮމޯޓުކޮށް ގެސްޓުން ގެނެސްގެން ރަށުގެ އާމްދަނީ އިތުރު ކުރުމުގެ ފުރިހަމަ ބާރު ކައުންސިލްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ހަސަން ލަތީފް ވަނީ ދެއްވާފައެވެ.

ޖަޒީރާ ރާއްޖޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް އަސްލު ފުޓްބޯޅަ ކުޅޭ ދަނޑު އަޅައިދޭނެ ކަމުގެ ޔަގީންކަން ވެސް ހަސަން ލަތީފް ވަނީ ދެއްވާފައެވެ. ފުޓްބޯޅައިގެ ކުޅުން ހަލާކުވާ މައިގަނޑު ސަބަބަކީ ފުޓްސެލް ކަމަށާއި އެހެންކަމުން ކޮންމެ ރަށެއްގައި ފުޓްބޯޅަ ދަނޑެއް އަޅައިދޭއިރު ކޮންމެ އަތޮޅެއްގައި ފުޓްބޯޅަ ސްޓޭޑިއަމްއެއް ހެދިގެންދާނެ ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އެ ނޫން ވެސް ގިނަ ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރެވޭނެ ކަމުގެ ޔަގީންކަން ހަސަން ލަތީފް ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް