ކ. މާލެ
|
31 އޯގަސްޓް 2018 | ހުކުރު 03:45
އިބޫގެ ދަތުރަށް ވާދޫގައި ވަމުންދާ ތައްޔާރީތައް
އިބޫގެ ދަތުރަށް ވާދޫގައި ވަމުންދާ ތައްޔާރީތައް
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫއަށް މަރުހަބާ ދަންނަވަން ހުވަދޫ ކެތްމަދުވެފައި!
މިހާތަނަށް ނުކިޔާ ވަރުގެ މަރުހަބާއަކަށް ދަނީ ތައްޔާރުވަމުން
ހުވަދޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ
އިބޫ ހުވަދޫގައި ހަތަރު ދުވަސް ހޭދަ ކުރައްވާނެ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕާޓީޓަކުގެ ސަޕޯޓަރުން ތައްޔާރުވެއްޖެއެވެ.

ގއ. އަދި ގދ. ގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިބޫ ހުކުރު ދުވަހު ފައްޓަވާ ދަތުރުފުޅާ ގުޅިގެން، ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ދަނީ ފޯރިއާއެކު ރަށްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހުވަދޫގެ 18 ރަށަކަށް ކުރައްވާ ދަތުރުފުޅު އިބޫ ފައްޓަވާނީ ގދ. ވާދޫއިންނެވެ. ވާދޫއަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 10:45 އެހާކަންހާއިރުއެވެ. އިބޫ ވާދޫއަށް ވަޑައިގަންނަވާތީ، އެ ރަށުގެ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އިންތިޒާމުތައް ހަމަޖެއްސުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

އިބޫގެ ހުވަދޫ ދަތުރުފުޅުގައި ދެ ވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ ފަރެސްމާތޮޑާއަށެވެ. އެއަށްފަހު ފިޔޯރީއަށާއި ތިނަދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ތިނަދޫއަށް ވަޑައިގަތުމަށްފަހު ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ.

އިބޫއަށް މަރުހަބާ ކިޔުމަށް ވާދޫގައިވަމުން އަންނަ ތައްޔާރީތައް -- ފޮޓޯ: ރާއްޖެ.އެމްވީ

އިބޫ ހުވަދޫއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅާ ގުޅިގެން، ބައެއް ރަށްތަކުން ދަނީ މިހާތަނަށް ރަށަކުން ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް ދެންނެވުމަށް ތައްޔާރުވަމުންނެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ވިލިނގިލީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރަމުންދާ ކަމަށާއި ރަށަކުން އިބޫއަށް މިހާތަނަށް ދަންނަވާފައި ނުވާ ވަރުގެ ހޫނު މަރުހަބާއެއް ދެންނެވުމަށް އެ ރަށް ތައްޔާރުވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އިބޫ ވަޑައިގަންނަވާނީ ދެއްވަދޫ، ކޮލަމާފުށި، ކަނޑުހުޅުދޫ، ގެމަނަފުށި، ގައްދޫ، ކޮނޑޭ، ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި، ރަތަފަންދޫ، ނަޑެއްލާ، މަޑަވެލި އަދި ހޯޑޭއްދޫއަށެވެ.

ހުވަދު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެ ފުރައިވަޑައިގަންނަވާނީ ހޯމަ ދުވަހުގެ ރޭއެވެ. ހުވަދޫ ދަތުރުފުޅާއެކު ގުޅިފައިވާ ޕާޓީތަކުން ދަތުރުކުރި އަތޮޅުތަކުގެ އަދަދު 19 އަށް އަރާނެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ގުޅިގެން އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމު ވަޑައިގެންނެވި ރަށްތަކުގެ އަދަދު 140 އަށް އަރައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް