ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 22:50
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ޓްވިޓަރ
ސިނަމާލެ ބްރިޖް
މި ބްރިޖަކީ ބޮޑު ޤައުމަކާއިއެކު ކުޑަ ޤައުމަކަށް މަސައްކަތް ކުރެވިދާނެކަމުގެ ހެއްކެއް: ރައީސް ޔާމީން
ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް
ރާއްޖޭގެ އެންމެ ބޮޑު ބިނާއަށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ކިއުމަކީ މުނާސަބު ކަމެއް
ބްރިޖްގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަވެގެން ދާނެ

މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބްރިޖަކީ ކުޑަ ޤައުމަކާއި ބޮޑު ޤައުމަކާއި ދެމެދު ދެ ޤައުމަށްވެސް ފައިދާކުރަނިވި ގޮތަކަށް މަސައްކަތް ކުރެވިދާނެކަމުގެ ފުރިހަމަ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ޗައިނާ ސަރުކާރުގެ ލޯނު އެހީއާއި ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހެދި ބްރިޖް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމީން ވިދާޅުވީ ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަމަށެވެ. ދެޤައުމުގެ ޒަމާންވީ ގުޅުމުގެ އިތުރުން މިދިޔަ އަހަރު ދެޤައުމުގެ މެދުގައި ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން އޭގެ މިސާލެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އެހެންކަމުން ރާއްޖޭގެ އެންމެ ބޮޑު ބިނާއަށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ކިޔުމަކީ މުނާސަބު ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ 1997 ވަނަ އަހަރު ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތް ފެށިފަހުން އެންމެ ބޮޑު ދައްޗެއް ދިމާވެފައި އޮތީ ކަނޑު ހުރަސްކޮށް ދަތުރުކުރުމަށް ކަމަށާއި، އެމަނިކުފާނުގެ މަޤްސަދަކަށްވީ އެކަމަށް ފަސޭހަ ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި 2014 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ބެއިޖިންގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ އަރިހުގައި ބްރިޖް އަޅުއްވައިދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، އެކަމަށް އެދިވަޑައިގެންނެވިތާ 3 އަހަރާއި 11 މަސް ފަހުން ބްރިޖް ހުޅުވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ބްރިޖް ހުޅުވުމުން ގަދަވަޔާއި ވިއްސާރައިގައި ދަތުރުކުރަން ޖެހޭ ދަރިވަރުންނަށާއި، ހޮސްޕިޓަލަށް ދާން ޖެހޭ ބަލި މީހުންގެ އިތުރުން ދަތުރުފަތުރުކުރަން އެއަރޕޯޓަށް ދާން ޖެހޭ މީހުންނަށް ބްރިޖްގެ ސަބަބުން ފަސޭހަ ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަދި ޤާނޫން އަސާސީއަށް އެހެން ޤައުމުތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި، ޤާނޫނުގެ ވެރިކަމާއި މުއައްސަސާތަކުގެ މިނިވަންކަން ނަގާ ނުލެވޭނެ ކަމަށެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ޗައިނާގެ ރައީސަށް ދެންނެވި ޝުކުރުގެ މެސެޖާއި އެހެން ބައެއް ޖުމްލަތައް މެންޑެރިން ޗައިނީޒްއިން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް