ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 19:09
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު: ހުވަދޫގެ 18 ރަށަކަށް ވަޑައިގަންނަވާނެ
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު: ހުވަދޫގެ 18 ރަށަކަށް ވަޑައިގަންނަވާނެ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
މަސްރަހު ހޫނުވެފައި ވަނިކޮށް، އިބޫ ހުވަދޫގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅު މާދަމާ ފައްޓަވަނީ
ތިން ދުވަހުގެ ތެރޭގައި 18 ރަށަކަށް ވަޑައިގަންނަވާނެ
ކޮލަމާފުއްޓަށް ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު
ޖަލްސާތައް ބާއްވާނީ ތިނަދޫ އާއި ގައްދޫ އަދި ވިލިނގިލީގައި

ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުންނާ ދެމެދު ގއ. ކޮލަމާފުށީގައި ހަމަނުޖެހުމެއް ހިނގައި، ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށް، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ހުކުރު ދުވަހު ދަތުރުފުޅު ފައްޓަވަން ނިންމަވައިފިއެވެ.

އެމްޑީޕީން ބުނީ ގދ. އާއި ގއ. ގެ 18 ރަށަކަށް ކުރައްވާ ދަތުރުފުޅު އިބޫ ފައްޓަވާނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށާއި އެ ދަތުރުފުޅުގައި ތިން ދުވަސް ހުވަދު އަތޮޅުގައި ހޭދަ ކުރައްވާނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގދ. އަތޮޅުގެ ހަތަރު ރަށަކަށް ކަމަށެވެ. އެމަނިކުފާނުގެ އެ ދަތުރުފުޅުގައި ހުވަދު އަތޮޅު ދެކުނު ބުރި (ގދ)ގެ ނުވަ ރަށަކަށާއި ހުވަދު އަތޮޅު އުތުރު ބުރި (ގއ)ގެ ނުވަ ރަށަކަށް ވަޑައިގަންނަވާނެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ މެމްބަރުންނާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، މަސްރަހު ހޫނުވެފައިވާ ގއ. ކޮލަމާފުއްޓަށް އިބޫ ވަޑައިގަތުމަށް ނިންމާފައި ވަނީ ހޮނިހިރު ދުވަހު މެންދުރުއެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމަށް ނިންމާފައިވާއިރު، ފުލުހުން އެދިފައި ވަނީ ކޮލަމާފުއްޓަށް ވަޑައިގަތުން ފަސްކޮށްދިނުމަށެވެ.

އިބޫ ހުވަދޫއަށް ކުރައްވާ ދަތުރުފުޅުގައި ހުވަދޫގެ ތިން ރަށެއްގައި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ. ހުކުރު ދުވަހުގެ ރޭ ތިނަދޫގައި ޖަލްސާ ބާއްވަން ނިންމާފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭ ޖަލްސާ ބާއްވާނީ ގައްދޫގައެވެ. އެއަށްފަހު އާދީއްތަ ދުވަހުގެ ރޭ ޖަލްސާ ބާއްވާނީ ގއ. ވިލިނގިލީގައެވެ.

އިބޫ ހުވަދޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ. ހުވަދޫ ދަތުރާއެކު އިބޫ ވަޑައިގެންނެވި އަތޮޅުތަކުގެ އަދަދު 19 އަށް އަރާނެއެވެ. އެއަށްފަހު އެމަނިކުފާނު ވަޑައިނުގަންނަވާ ހަމައެކަނި އަތޮޅަކަށް އޮންނާނީ ހއ. އަތޮޅެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް