ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 19:13
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އެމްޑީޕީ
ރިޔާސީ އިންތިޚާބު 2018
ކުރިން ނުވެ ހުރި ވައްކަން ގަޟާއަށްވެސް އެބަކުރޭ: ހަސަން ލަތީފް
ތަރައްޤީ ކިތަންމެ ވަރަަކަށް ގެންނެވިޔަސް، ވައްކަން ކުރުމަކީ މައްސަލައެއް

މި ސަރުކާރަށް ކުރިން ނުވެ ހުރި ވައްކަން، ގަޟާއަށްވެސް ކުރަމުންދާކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މިސަރުކާރުން ވައްކަން ކުރަނީ އެޑްވާންސަށް އެކަނި ނޫންކަމަށާއި، މީގެ ކުރިން ނުވެ ހުރި ވައްކަންވެސް މިހާރު ކުރަމުންދާކަމަށެވެ. ހަސަން ލަތީފް މިހެން ވިދާޅުވީ ރ އަތޮޅު ދުވާފަރުގައި ވާހަކަ ދައްކަވަމުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްްޤައްޔޫމް، "އެޑްވާންސަށް ވައްކަންކުރިޔަސް ވަރިހަމަތާ"އޭ ވިދާޅުވުމުން، އެއަށް ރައްދު ދެއްވަމުންނެވެ. ހަސަން ލަތީފް ވިދާޅުވީ ތަރައްޤީ ކިތަންމެ ވަރަަކަށް ގެންނެވިޔަސް، ވައްކަން ކުރުމަކީ މައްސަލައެއްކަމަށެވެ. އަދި ދުވާފަރު ރައްޔިތުންވެސް ވައްކަން ކޮށްގެން ގެންނަ ތަރައްޤީ ބޭނުން ނުވާނެކަމަށް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ. 

ދުވާފަރުގައި ވާހަކަ ދައްކަވަމުން އެޑްވާންސަށް ވައްކަން ކުރުުމަކީ މައްސަލައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެޑްވާންސަށްވެސް ވައްކަންތަކެއް ކޮށްފައިވާކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ސްރީލަންކާގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވިދާޅުވުމާއި ގުޅިގެން، އެއަށް ރައްދު ދެއްވަމުންނެވެ. 

'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ވައްކަންތައް 3 ބަޔަކަށް ބެހިފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބަޔަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ މައްސަލައާއި، އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ އިމާރާތުގެ މައްސަލަތައްފަދަ ބޮޑެތި މައްސަލަތައްކަމަށާއި، ދެވަނަ ބަޔަކީ އދއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޤައުމުތަކަށް ވަގަށް ތެޔޮ ވިއްކުމާއި އެވިއްކައިގެން ލިބުނު ފައިސާކަމަށް ހަސަން ވިދާޅުވިއެވެ. އަދި 3 ވަނަ ބަޔަކީ ކަޅު ފައިސާ ދޮވެގެން ހިންގާ ވައްކަމުގެ އަމަލުތައްކަމަށް ހަސަން ވިދާޅުވިއެވެ. 

އަދި މީގެ އިތުރުންވެސް އަރިއަރިމަތިން ކޮށްފައި ހުރި އިތުރު ވައްކަންތަކުގެ މައްސަލަަތައްވެސް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްގެން، މިސަރުކާރުން ހިންގާފައިވާ ވައްކަމުގެ އަމަލުތައް ބެލުމަށް ތަހުޤީޤެއް ހިންގައި، އެފައިސާ ހޯދުމުގެ މަސައްކަތް ހަސަން ލަތީފްގެ ބެއްލުމުގެ ދަށުން ކުރިއަށް ގެންދިޔުމަށް ވަނީ ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް