ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 13:02
ސިނަމާލެ ބްރިޖާ ގުޅޭ މަގުތަކުގެ މަސައްކަތް ކުރިއަށް ދަނީ
ސިނަމާލެ ބްރިޖާ ގުޅޭ މަގުތަކުގެ މަސައްކަތް ކުރިއަށް ދަނީ
މުހައްމަދު ޝަރުހާން
ސިނަމާލެ ބްރިޖް
ބްރިޖާ ގުޅިގެން ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ ބަދަލުތައް ހާމަކޮށްފި
ދަތުރުފަތުރަށް ބްރިޖު ހުޅުވާލަނީ ސެޕްޓެމްބަރު 7 ވަނަ ދުވަހުން ފެށިގެން
ސައިމާ ހިނގުމާއި ނިރޮޅިމަގުގެ ދަތުރުކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވޭ

ސިނަމާލެ ބްރިޖު ހުޅުވުމާ އެކު ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނެވޭ ބަދަލުތައް އެޗްޑީސީން ހާމަކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ސިނަމާލޭ ބްރިޖު ހުޅުވުމާ އެކު މަގުތަކުގައި ދަތުރުފަތުރު ކުރުމުގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ސައިމާ ހިނގުމާއި ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ނިރޮޅުމަގާއި ބޯށިމާ ހިންގުން ގުޅޭ ހިސާބަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ވަނީ ބަދަލުކޮށްފައެވެ. ބޯށިމާ ހިނގުމާއި ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ބޯށިމާ ހިނގުމާއި ރީތިގަސް މަގު ގުޅޭ ހިސާބަށް އިރުން ހުޅަނގަށް އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

 

ހުޅުމާލޭގެ ބައެއް މަގުތަކުގެ ދަތުރުފަތުރު ކުރުމަށް އަންނަ ބަދަލުތައް

ބޯށިމާ ހިނގުމާއި ރީތިގަސް މަގު ގުޅޭ ހިސާބުން ފެށިގެން ރީތިގަސް މަގާއި ސައިމާ ހިނގުން ގުޅޭ ހިސާބަށް ދެކުނުން އުތުރަށް އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު ރީތިގަސްމަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުން ފެށިގެން ކަށިމާ ހިންގުމާއި ނިރޮޅިމަގު ގުޅޭ ހިސާބުން ހުޅަނގުން އިރަށް ދުއްވާ މަގެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ސިނަމާލެ ބްރިޖު ހުޅުވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި ބާއްވާ ޖަލްސާގައެވެ. ބްރިޖުގައި ރަސްމީކޮށް ދަތުރުކުރުމަށް ހުޅުވާލަނީ ސެޕްޓެމްބަރު 07 ވަނަ ދުވަހުން ފެށިގެންނެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.

ހުޅުމާލޭގެ އިތުރުން ބްރިޖާ ގުޅޭ މަގުތަކުގެ  މަސައްކަތް  ކުރަމުންދާތީ މާލޭގެ ބައެއް މަގުތަކަށް ވެސް މީގެ ކުރިން ބަދަލުތަކެއް ގެނެސްފައި ވެއެވެ.  ބެލެވޭ ގޮތުގައި މިހާރު ހަދަމުންދާ މަގުތައް ހުޅުވާލުމުން މާލޭގެ  މަގުތަކުގެ ދަތުރުފަތުރަށް ވެސް ބަދަލުތަކެއް ގެންނާނެއެވެ. އެކަން އަދި ކަމާ ބެހޭ ފަރާތްތަކުން އިއުލާނުކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް