ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 14:07
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިންގައި
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިންގައި
އެމްޑީޕީ
ރިޔާސީ ރޭސް 2018
ވޯޓުލާ ދުވަހުގެ ކުރީ ދުވަހާ އެކު އަންނަ މަހުގެ 5 ދުވަހަކަށް ކާނިވާ ސަރަހައްދު ދިނުމަށް އެމްޑީޕީން އެދިއްޖެ
ޕީޕީއެމަށް ކާނިވާ ސަރަހައްދު ދޫކޮށްފައި ވަނީ އެމްޑީޕީން އެދިފައިވަނިކޮށް
މިހާތަނަށް ޕީޕީއެމް ފިޔަވައި އެއްވެސް އެހެން ޕާޓީއަކަށް ކާނިވާ ސަރަހައްދެއް ނުދޭ
އެމްޑީޕީއަށް ދަރުބާރުގެ ދިންކަން ކުރިން އެންގީ ވެސް ޖަލްސާގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް

ކެމްޕެއިން ހަރަކާތް ހިންގުމަށްޓަކައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކުރީ ދުވަހާ އެކު ޖުމްލަ 5 ދުވަހަކަށް ކާނިވާ ސަރަހައްދު ދިނުމަށް އެދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެއެވެ.

އެމްޑީޕީން ބުދަ ދުވަހު ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެޕާޓީގެ ފަރާތުން ކެމްޕެއިން ހަރަކާތެއް ބޭއްވުމަށްޓަކައި 31 އޮގަސްޓްވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން މެންދަމު 00:00 އަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދި ފޮނުވި ސިޓީ އާއި އަދި އޭގެ ފަހުން 31 އޮގަސްޓްގެ ބަދަލުގައި 7 ސެޕްޓެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން މެންދަމު 00:00 އަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދި ފޮނުވި ސިޓީތަކަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ޖަވާބެއް މިނިސްޓްރީން ނުދީ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތަށް ކާނިވާ ސަރަހައްދު ދޫކޮށްފައިވާކަން ފާހަގަކުރާ ކަމަށެވެ.

ސިޓީގައި ބުނެފައި ވަނީ ދައުލަތުގެ ބިންތައް ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް އެބިންތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަދި އިންތިޚާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސިޔާސީ ޙަރަކާތް ހިންގުމަށް ފުރުސަތު ދޭންވާނީ ހަމަހަމަ ކަމާއެކީގައި ކަމަށް ދަންނަވާ ކަމަށެވެ.

ވީމާ އެ ޕާޓީން ކެމްޕެއިން ހަރަކާތެއް ބޭއްވުމަށްޓަކައި ސެޕްޓެމްބަރު މަހުގެ 6، 8، 13، އަދި 20 ވަނަ ދުވަހުގެ ހަވީރު 16:00 އިން 00:00 އަށް އަދި ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކާނިވާ ސަރަހައްދު ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވުން އެދި ދަންނަވާ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވާއިރު ގުޅިފައިވާ ޕާޓީތަކަށް އަދި ވަނީ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވޭ ގޮތް ނުވެފައެވެ. އެކަމަށްޓަކައި މިހާތަނަށް ތަނަކަށް އެދިފައިވާއިރު ދަރުބާރުގެ ދީފައި ވަނީ ޖަލްސާ ބާއްވަން ތަން ދިނުމަށް އެދިފައިވާތާ އެތައް ދުވަހެއް ވެފައިވަނިކޮށް ޖަލްސާ ބާއްވަން ހަމަޖައްސާފައިފައިވާ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެފަހަރު ވަނީ ތައްޔާރުވުމަށް ލިބުނު ވަގުތުކޮޅު ކުޑަކަމުން ޖަލްސާ ކެންސަލް ކޮށްފައެވެ.

ހަމައެކަނި މާލޭގައި އެއްވެވޭ ސަރަހައްދެއްގެ ގޮތުގައި ކާނިވާ ސަރަހައްދު ކަނޑައަޅާފައިވާއިރު އިދިކޮޅު ފަރާތްތަކަށް އެތަން އަދި ދުލެއް ނުކުރެއެވެ. ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ދަނީ ދޭތެރެ ދޭތެރެއިން އެތަނުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގަމުންނެވެ. އަދި އަންނަ ހަފުތާގައި ބޮޑު އިވެންޓެއް ޕީޕީއެމުން އެ ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް