ކ. މާލެ
|
30 އޯގަސްޓް 2018 | ބުރާސްފަތި 09:20
 މާލޭގެ މޭޔަރު ޝިފާ މުހައްމަދު
 މާލޭގެ މޭޔަރު ޝިފާ މުހައްމަދު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
އޮޅުވާލައި ހީލަތް ހެދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ: ޝިފާ
ތަރައްގީގެ ނަމުގައި އެތައް ކަމެއް އޮޅުވާލަން މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން
ރައީސް ޔާމީން ގެންނެވި ތަރައްގީން ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާދޭ
ސަރުކާރުންގެ ބޭފުޅުން މެންދަމު މުލިޔާގޭގައި ކުރާ ކަންކަން ވެސް ރައްޔިތުންނަށް ދަނީ ހާމަވަމުން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދުކުރާ މަދު ބަޔަކު ރައްޔިތުންނަށް އޮޅުވާލައި ހީލަތް ހެދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ރައްޔިތުން ތިބީ ހޭލާ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ތަރައްގީގެ ނަމުގައި އެތަކެއް ކަމެއް އޮޅުވާލަން މިސަރުކާރުން މަސައްކަތްކުރާ ކަމަށާއި، ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. ތައުލީމީ، ސިއްހީ، އިޖްތިމާއީ، މަސައްކަތްތެރިކަމުގެ އިތުރުން އެހެން ދާއިރާތައް ފުޅާކޮށް، މުވައްޒަފުންގެ މުސާރަ ބޮޑު ކުރާ ކަމަށް މިސަރުކާރުން މަންޒަރު ކުރައި ދިން ނަމަވެސް އެކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގޭ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދަޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ދިޔައީ ފަހަތަށް ކަމަށާއި، ހަގީގީ ކުރިއެރުމެއް އެއްވެސް ރައްޔިތަކަށް ނުލިބޭ ކަމަށެވެ. ބައެއްގެ ޖީބަށް ބަރުވި ނަމަވެސް ރައްޔިތުންގެ ކަރުގައި ލީ ހިތިރަހަ ކަމަށާއި، ރައްޔިތުން ބިކަވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބްރިޖް އެޅި ނަމަވެސް ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ނުލިބޭ ކަމަށާއި، ދަރިންގެ ދަރިންނަށް ދަންދެން ދަރަނިވެރިކުރުވީ ކަމަށެވެ. 

ރައްޔިތުންނަށް އޮޅުވާލުމަށް މިސަރުކާރުން މަދު ބައެއްގެ އެހީތެރިކަމާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ ސަރުކާރުގެ އިސްވެރިންނާއި، މުއައްސަސާތަކުގެ މުވައްޒަފުން ބާ ޓީޝާޓުގައި ދަންވަރު މުލިޔާގެއަށް ވަންނަ ކަމަށާއި، މުލިޔާގެ ތެރޭގައި ކުރާ ހުރިހާ ކަމެއް ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ސިއްރުން ކުރާ އެއްވެސް ކަމެއް ސިއްރު ނުވާ ވެސް ޝިފާ ވިދާޅުވިއެވެ.

"މެންދަމު ގަޑީގައި މުލިޔާގޭގައި އުޅެފައި ނުކުންނަނީ ކޮންބައެއް ކަން ވެސް އެބަ އެނގޭ. އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުން ސިއްރު ސިއްރުން ވަގަށް މުލިޔާގެ ތެރޭގައި ކުރައްވާ ކަންކަން ވެސް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގުމުންދަނީ. ހަމަ އެ މުލިޔާގެ ތެރޭގައި ހިނގާ ކަންކަން އެނގޭ. ބަރިބަރި ޖަހާފައި ފޮނުވާ ދިދަތައް އެކި ރަށްރަށަށް ފޮނުވަން ކަސްޓަމްގެ ބޭފުޅުން އުޅުއްވި ކަމުގައި ވިޔަސް އެކަމެއް ވެސް ސިއްރެއް ނޫން،" ޝިފާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލުމަށް އިލެކްޝަން ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ 5000 އަށް ވުރެ ފޯމް ބަތިލްކޮށްލި ނަމަވެސް އެކަން ވެސް ކާމިޔާބު ނުވި ކަމަށެވެ. ވޯޓުން އޮޅުވާލަން މަސައްކަތް ކުރިއަސް ކާމިޔާބު ނުވާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ހިތްވަރުން ކަމަށާއި، 2013 ވަނަ އަހަރު ވެސް ރައްޔިތުން ހިތްވަރު ކުރުމުން ކާމިޔާބުވި ކަމަށް ޝިފާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް