ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 22:41
މޯލްޑިވިއަންގެ ކެބިންކްރޫއިންގެ ޓީމެއް
މޯލްޑިވިއަންގެ ކެބިންކްރޫއިންގެ ޓީމެއް
މުހައްމަދު ޝަރުހާން
މޯލްޑިވިއަން ހަޅުތާލު
ތަމްރީނު ފުރިހަމަވެފައިނުވާ ކެބިންކްރޫއިންނާއެކު މޯލްޑިވިއަންއިން ދަތުރުކޮށްފި
ތަމްރީނު ފުރިހަމަނުވާ ކެބިން ކްރޫއިންނާއެކު 2 ފްލައިޓް އެޅި
މިއީ އައިލެންޑް އޭވިއޭޝަންގެ އުސޫލްތަކާއި ޚިލާފް ކަމެއް
ގިނަ ކެބިންކްރޫއިން ތިބީ ހަޅުތާލުގައި

އައިލެންޑް އޭވިއޭޝަންގެ ގިނަ އަދަދެއްގެ ކެބިން ކްރޫއިން ބުދަ ދުވަހު ހަޅުތާލަށް ނިކުމެފައިވާތީ ތަމްރީނު ފުރިހަމަވެފައިނުވާ ކެބިންކްރޫއިންނާއި އެކު މޯލްޑިވިއަންގެ ފްލައިޓްތަށް ދަތުރުކޮށްފައިވާ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ލިބިއްޖެއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެބިންކްރޫއިން ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތްކުރުމަށް އުޒުރުވެރިވުމުން، މޯލްޑިވިއަންގެ ބައެއް ޑޮމެސްޓިކް ފްލައިޓްތަށް ބުދަ ދުވަހު، ދަތުރުއެޅީ ތަމްރީނު ފުރިހަމަނުވާ ކެބިންކްރޫއިންނާއި އެކުގައެވެ. އަދި ތަމްރީނު ފުރިހަމަ ކުރެވުނު ކަމަށް ބެލެވޭ "ލައިން ޗެކް" (އިމްތިހާން ފްލައިޓް) އެޅި ކަމުގެ ރެކޯރޑްނެތް ކެބިން ކްރޫންތަކެއް ލައިގެން، އެހެން ކެބިންކްރޫއެއް ނުލާ، މިއަދު ހެނދުނު 2 ފްލައިޓާއި މެންދުރު 2 ފްލައިޓް އަޅާފައިވާކަން ރާއްޖެ.އެމްވީއަށް އެގިފައިވެއެވެ. 

މިއީ އައިލެންޑް އޭވިއޭޝަނުން ކަނޑައަޅާފައިވާ އުސޫލްތަކާއި ޚިލާފުކަމެކެއެވެ. އައިލެންޑް އޭވިއޭޝަނުން އަމަލުކުރަން ކަނޑައަޅާފައި އޮންނަ އުސޫލްތަކަށް ބަލާއިރު ތަމްރީނު ފުރިހަމަވެފައިނުވާ މީހުންނަށް ފްލައިޓްގައި ދަތުރުކުރެވޭނީ ސީނިއަރ ކެބިންކްރޫއަކާއި އެކުގައެވެ. މީގެ އިތުރުން ތަމްރީނުފުރިހަމަވެފައިނުވާ ކްރޫއިންނަށް ފްލައިޓްގައި ދަތުރުކުރެވޭނީ ވަކި އަދަދަކަށް ފްލައިން އަވާރސްގެ ތަޖުރިބާ ހާސިލްކުރުމަށްފަހު ގައެވެ.

ސަލާމަތީ ގޮތުން ބަލާއިރު ފްލައިޓް އުދުހެމުންދާ ވަގުތު ދަތުރުވެރިންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭނީ ކެބިންކްރޫއެވެ. އެހެންކަމުން އެފަދަ ބޮޑު ޒިންމާއެއް އެކަށީގެންވާ ތަމްރީނު ލިބިފައިނުވާ ކެބިން ކްރޫއިންނާއި ހަވާލުކުރުމަކީ އެމީހުންނާއި ދަތުރުވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެކެއެވެ. އަދި އައިލެންޑް އޭވިއޭޝަނުން ތަމްރީނުފުރިހަމަވެފައިނުވާ ކްރޫއިންއިންނާއެކު ދަތުރުކޮށްފައިވާއިރު އެކަންވަނީ ދަތުރުވެރިންނަށްވެސް ސިއްރުކޮށްފައެވެ.

ގިނައަދަދެއްގެ ކެބިންކްރޫއިން ހަޅުތާލަށް ނިކުމެފައިވާއިރު އެމީހުންނާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިއަކު ބައްދަލުކުރުމަށްފަހު، ވަކި މުއްދަތެއް ދިނުމަށް އެދިފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. މުއްދަތެއް ދިނުމަށް އެދިފައިވަނީ އަނގަބަހުންކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ.

އައިލެންޑް އޭވިއޭޝަނުގެ ކެބިންކްރޫއިން ބުދަ ދުވަހު ހަޅުތާލަށް ނިކުމެފައިވަނީ ބޯނަސް މައްސަލައިގައެވެ. ތިން އަހަރު ދުވަހަށް ފަހު، އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދޫކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. މުސާރައާ އެކު ގިނަ މުވައްޒަފުނަށް ތިން އަހަރުގެ ބޯނަސްގެ ގޮތުގައި ޖަމާކޮށްދީފައި ވަނީ 5،000ރ. އެވެ. އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މެދުގައި ބޯނަސް ދޫކުރި ގޮތާ މެދު ކަންބޮޑުވުން އުފެދުނީ ބޯނަސް ދޫކުރާ އުސޫލެއް ހާމަކުރުމެއް ނެތި ކުރު މުއްދަތުގައި ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ބޯނަސް ދޫކޮށްފައިވާތީއެވެ. އަދި ހަތް އަހަރު ދުވަހާއި ފަސް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންނަށް ބޯނަސް ފައިސާގެ ގޮތުގައި އެއްވެސް އެއްޗެއް ދީފައި ނުވާތީ އެވެ. އޭގެއިތުރުން ބޯނަސް ފައިސާ ދޫކުރާ އުސޫލު ކުންފުނީގެ މުވައްޒަފުންނާ ހިއްސާކޮށްފައި ނުވާތީ ވެސް މުވައްޒަފުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި 70 އެއްހާ ކެބިން ކްރޫއިން މަސައްކަތް ކުރާ މޯލްޑިވިއަންގެ މަސައްކަތަށް މިއަދު 50 ވުރެ ގިނަ ކްރޫއިން ނުނިކުމެއެވެ.

އައިލެންޑް އޭވިއޭޝަނާއި ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒިފުންނާއި ފަހަކަށް އައިސް ގިނަ މައްސަލަތަކެއް އުޅޭކަން ފާހަގަކޮށްލެވެއެވެ.

ގާނޫނުއަސާސީގެ ދެ ވަނަ ބާބުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ އިހްތިޖާޖު ކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެ ނޫން ވެސް މަސައްކަތްތެރީންނަށް ލިބިގެންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް