ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 17:08
އިސްކަންދަރު ސްކޫލު
އިސްކަންދަރު ސްކޫލު
މުހައްމަދު ޝަރުހާން
އެޑިއުކޭޝަން މިނިސްޓްރީ
ޕްރޮފެޝަނަލް ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި
ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކުރުމަށް އެކުލަވައިލެވުނު އުސޫލެއް
ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސް ކުރުމަށް ކޮމިޓީއެއް އެކުލަވާލެވޭނެ

ޕްރޮފެޝަނަލް ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފަދަ އުސޫލެއް އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް، ސްކޫލްތަކަށް ބޭނުންވާ އަދަދަށް ޕްރޮފެޝަނަލް ބިދޭސީ މުވައްޒަފުން ހޯދުމުގައި އަމަލުކުރާނެ، ދެފުށް ފެންނަ ނިޒާމެއްގެތެރެއިން، އެޑިޔުކޭޝަން މިނިސްޓްރީއަށް ބޭނުންވާ ޕްރޮފެޝަނަލް ބިދޭސީ މުވައްޒަފުން ގެންނާނެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

މި އުސޫލާއެކު ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް ކޮމިޓީއެއް ވަނީ އެކުލާވާލާފައެވެ. މިގޮތުން ރެކްރޫޓްމަންޓް ފީ ނެގުން ވަނީ މަނާކޮށްފައެވެ.

ޕްރޮފެޝަނަލް ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ޕްރޮފެޝަނަލް ބިދޭސީ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް މި އުސޫލާއެއްގޮތަށް ރާވާހިންގައި، ބަލަހައްޓާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޝަނުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް ރާއްޖޭގެ އޭޖެންސީ ހޮވަންވާނީ އާންމުކޮށް އިއުލާނުކޮށް، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން އެންމެ ގާބިލް ފަރާތްތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިފަދަ އެޖެންސީތައް ހޮވުމުގެ ބީލަމަކީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ވާދަވެރި ބީލަމަކަށް ހެދުމުގެ ގޮތުން އެއަހަރަކަށް އެޖެންސީތައް ބޭނުންވާ އަދަދަށްވުރެ އިތުރަށް ސައްހަ ބީލަން ހުށަހަޅާފައި ނުވާނަމަ ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތަށް އަލުން އިއުލާނު ކުރަންވާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން މުވައްޒަފުން ހޯދުމަށްޓަކައި ގިނަވެގެން ހޮވާނީ ތިން އޭޖެންސީ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފުވެއްޖެ ނަމަ ދެ އަހަރުގެ މުއްދަތައް އެފަދަ އޭޖެންސީތައް ބްލެކްލިސްޓް ކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. އަދި އެފަދަ ގޮތަކަށް ގެނެސްފައިވާ މުވައްޒަފުން އަނބުރާ ގައުމަށްފޮނުވާލުމަށް ނިންމުމުގެ އިހްތިޔާރު އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް