ކ. މާލެ
|
29 އޯގަސްޓް 2018 | ބުދަ 11:21
ހުރާގެ ބަނދަރު ސަރަހައްދުން ފައިސަލް އަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި
ހުރާގެ ބަނދަރު ސަރަހައްދުން ފައިސަލް އަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހުރާގެ ބިން ހިއްކުމުގެ މަޝްރޫއު ފަށާނަން: ފައިސަލް
ރަށުގެ ރައްޔިތުންނަން ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައި
ޖަމިއްޔާތާކާއި ވިޔާފާރިވެރިން ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމްކުރާނަން
މި ދަތުރުފުޅުގައި ފައިސަލް ކ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވާނެ

ކ. އަތޮޅުގެ ހުރައަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއެއް ފަށާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ހުރާގެ ރައްޔިތުންނަން ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. ހުރާގެ ބިން ނެތުމުގެ ސަބަބުން 300 އެއްހާ ޒުވާނުންނަން ގޯތި ލިބުމުގެ ދަތިތަކާ ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެކަން ހައްލު ކުރުމުގެ ގޮތުން ހުރާގެ ބިން ހިއްކުމުގެ މަޝްރޫއު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ފަށާނެ ކަމަށެވެ.

"ވަކިން ހާއްސަކޮށް ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައި މި އޮތީ ހުރާއަށް. ބިން ނެތުމުގެ ސަބަބުން މިހާރު ވެސް 300 އެއްހާ ޒުވާނުންނަން ގޯތި ލިބުމުގެ ދަތިތަކާއި މި ވަނީ ކުރިމަތިވެފަ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ ހުރާގެ ބިންހިއްކުމުގެ މަޝްރޫއު ފަށާއި. ޒުވާނުންނަން މިހާރު ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނަން،" ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ކ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ފައިސަލް ފުރާވަޑައިގަންނަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ޖަމާއަތުގެ ތަރައްގީއަށް އިސްކަމެއް ދޭނެ ކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ރަށުގެ ތަރައްގީއަށް ވިޔަފާރިވެރިންނާއި ޖަމިއްޔާތަކުން ސަރުކާރާ ގުޅިގެން ކަންކަން ކުރުމުގެ ނިޒާމެއް ގާއިމްކުރާނެ ކަމަށެވެ. އަތޮޅު ތެރޭގެ ކޮންމެ ރަށަކަށް ވެސް ދިމާވެފައިވާ މައްސަލައަކީ ސިއްހީ ޙިދުމަތުގެ މައްސަލަ އާއި ތައުލީމްގެ މައްސަލަ ކަމަށާއި އެކަން ކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ހުރައަށް ވަޑައިގެންނެވުމުން ހުރާގެ ރައްޔިތުން ވަނީ އެރަށުގެ ބަނދަރު ސަރަހައްދުން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެއަށް ފަހު ހިންމަފުށި، ތުލުސްދޫ އަދި ދިއްފުއްޓަށް ފައިސަލް މިއަދު ވަޑައިގެންނަވާނެއެވެ.

ފައިސަލްއާ އެކު މި ދަތުރުފުޅުގައި ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ. މައުސޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދާމާއި، ރައްޔިތުންގެ މަޖިލީގު މެމްބަރު އަބްދުލް ލަތީފާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާދަމް އާޒިމް ބައިވެރިވަޑައިގަންނަވާކަން ފާހަގަށްކޮށްލެވެ.

ފައިސަލްގެ މި ދަތުރުފުޅުގައި މި ތިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެރަށްތަކުގެ މުހިންމު ތަންތަން ބައްލަވާލެއްވުމުގެ އިތުރުން ރައްޔިތުންގެ ހާލު ބެއްލެވުމަށް ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް