ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 21:16
ރައީސް ޔާމީން މާފަރު އެއާޕޯޓް ހުޅުއްވައި ދެއްވުން
ރައީސް ޔާމީން މާފަރު އެއާޕޯޓް ހުޅުއްވައި ދެއްވުން
މުހައްމަދު ޝަރުހާން
މާފަރު އެއާޕޯޓް
ރައީސުލްޖުމްހޫރިއްޔާ ނ. މާފަރު އެއާޕޯޓް ހުޅުއްވައިދެއްވައިފި
މާފަރު އެއާޕޯޓް އެޅީ އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި ތަރައްޤީކޮށްފައިވާ ވައިގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ބަނދަރު ތަރައްޤީކޮށް ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު މާފަރުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ ވައިގެ ބަނދަރު ހުޅުއްވައިދެއްވުމާއި، އެރަށު ބަނދަރު އިފްތިތާޙް ކޮށްދެއްވުމުގެގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކަހާލައިދެއްވާފައެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން ހަދާފައިވާ މާފަރު އެއާޕޯޓްގައި 2،200 މީޓަރުގެ ރަންވޭއެއް ވަނީ ހަދާފަ އެވެ. އެހެންކަމުން މިއެއާޕޯޓްގައި އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު އުތުރުބުރިއާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި ހޯމަ ދުވަހުގެ ހެނދުނު ވަނީ ރ. އަލިފުށްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފައެވެ. އަދި ރ. ހުޅުއްދުއްފާރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް އިފްތިތާޙްކޮށް ދެއްވާފައިވެއެވެ. މީގެއިތުރުން އިއްޔެ އެމަނިކުފާނު ވަނީ ރ. އުނގޫފާރަށާއި، ރ. ދުވާފަރަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ ރ. އިންނަމާދޫއަށާއި، އިނގުރައިދޫއަށް ވަޑައިގެން އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި މިއަދު މެނދުރުފަހު ރ. މީދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އެމަނިކުފާނު މިއަދު ހަވީރު ރ. މަޑުއްވަރިއަށްވެސް ވަނީ ވަޑައިގެންފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް