ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 14:50
މާރިއާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މާރިއާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އަހުމަދު މުހުސިނު
ރިޔާސީ ރޭސް 2018
އިބޫ އާއި ފައިސަލް 127 ރަށަކަށް ވަޑައިގެން 2 ލައްކަ އަށް ވުރެ ގިނަ މީހުންނާ ބައްދަލުކުރައްވައިފި
މިހާތަނަށް ވަޑައިނުގެންނެވެނީ 3 އަތޮޅަކަށް
އަމާޒަކީ ކެމްޕެއިން ނިމުމުގެ ކުރިން ޒިޔާރަތް ކުރުން

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް، މިހާތަނަށް 127 ރަށަކަށް ވަޑައިގެން ދެ ލައްކަ އަށް ވުރެ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަންގާރަ ދުވަހު މާރިޔާ ވިދާޅުވީ މިއަދާ ހަމައަށް އައިރު އިބޫ އާއި ފައިސަލް ރާއްޖޭގެ 127 ރަށަކަށް ވަޑައިގެން ދެ ލައްކައަށް ވުރެ ގިނަ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެދެބޭފުޅުންގެ އަމާޒަކީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުން ކަމަށެވެ.

މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަކީ ރައްޔިތުންނާ ހަމައަށް ގޮސް، ރައްޔިތުންނާ ބައްދަލުކޮށްގެން ވޯޓު ހޯދާ ބައެއް ކަމަށާއި މިހާތަނަށް އައިއިރު ކެންޑިޑޭޓަށާއި ރަނިންގ މޭޓަށް ވަޑައި ނުގަނެވި ވަނީ އެންމެ 3 އަތޮޅަށް ކަމަށެވެ.

"މިއަދާ ހިސާބަށް އައިއިރު އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމް، މި ދެ ބޭފުޅުން 127 ރަށަކަށް ވަޑައިގަންނަވައިފި. އަދި 200594 ރައްޔިތުންނާ ހިސާބަށް މިވަޑައިގެންނެވުނީ. ވަޑައިނުގަނެވި އޮތީ ރާއްޖޭގެ 3 އަތޮޅެއް. އެއީ ހއ ، ގއ އަދި ގދ. ﷲ އިރާދަ ކުރެއްވިއްޔާ ކެމްޕެއިން ނިމިގެންދާއިރު ކެންޑިޑޭޓާއި ރަނިންގ މޭޓް ރާއްޖޭގެ ހުރިހާ ރަށަކަށް އެރުއްވޭތޯ ބައްލަވާނެ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ވޯޓުލާ ދުވަހު އިލެކްޝަނުން ވޯޓުފޮށި ދޮށުގައި ބާއްވާނެ ކަމަށް މިހާތަނަށް ބުނަމުން އަންނަ ލިސްޓާ މެދު ކަންބޮޑުވާ ކަމަށާއި ނަމަވެސް ލިސްޓްގައި ސޮއިކުރައްވާނީ ދާއިރާތަކުން އެ ލިސްޓާ މެދު ހިތްހަމަޖެހުމުން ކަމަށެވެ. އަދި ވޯޓުފޮށިތައް ދޮށުގައި ބާއްވަނީ އެލިސްޓަށް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް