ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 05:34
އަލީ ނިޔާޒު: ވޯޓާސް ލިސްޓުގެ ސައްހަކަމާމެދު ސުވާލު އުފެއްދެވި
އަލީ ނިޔާޒު: ވޯޓާސް ލިސްޓުގެ ސައްހަކަމާމެދު ސުވާލު އުފެއްދެވި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ސައްހަ ލިސްޓެއް އޮތް ކަމަށް ބުނެވެން ނެތް، 24 ގަޑިއިރު ތެރޭ އޮޅުން ބޮޅުން ހާމަކުރާނަން: ނިޔާޒު
ރީ-ރަޖިސްޓްރީ ކުރި އަދަދު 24 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި
ބައެއް އަތޮޅުތަކުގެ ރީރަޖިސްޓްރޭޝަން އާދަޔާ ހިލާފަށް އިތުރުވި ކަމުގެ ވާހަކަ
އެކަށީގެންވާ މުއްދަތު ނުދޭ ކަމަށް ނިޔާޒު ވިދާޅުވި

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާސް ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އަދި ބުނެވެން ނެތް ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެ ލިސްޓުގައި ހުރި އޮޅުންބޮޅުންތައް އާންމުންނާ ހިއްސާ ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައެއް އަތޮޅުތަކަށް ރީ-ރަޖިސްޓްރީ ކުރި އަދަދަށް ވުރެ ބޮޑު ޕަސެންޓޭޖަކުން، ރީރަޖިސްޓްރީކޮށްފައިވާ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން މ. އަތޮޅުގައި ގިނަ ބަޔަކު ރީރަޖިސްޓްރީކޮށްފައިވާކަން އަލީ ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

"ބައެއް އަތޮޅުތަކަށް ބަލާއިރު، ފ. އަތޮޅުގައި 40 ޕަސެންޓް މީހުން އިތުރުވެފައި އެބަ އޮތް ރީރަޖިސްޓްރީކޮށްފައި އެކިއެކި ދިމަދިމާލުގައި. ލ. އަތޮޅުގައި 27 ޕަސެންޓް މީހުން އިތުރުވެފައި އެބަ އޮތް، މ. އަތޮޅުގައި 26 ޕަސެންޓް އިތުރުވެފައި އެބަ އޮތް،" ރިޔާސީ އިންތިހާބާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވަމުން ގެންދަވާ އަލީ ނިޔާޒު ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަށް ބުނެވޭކަށް ނެތް، ނެރެފައި މިވާ ވޯޓާސް ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް."

އާންމުކޮށްފައިވާ ވޯޓާސް ލިސްޓުން މަކަރު ހެދުމުގެ ކަންކަން ފާހަގަވި ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ކަންތައްތަކާ އެކު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މައްސަލަތައް "ސާފުކޮށް" އެނގޭ ވަރު ކުރާނެ ކަމަށެވެ.

އަލީ ނިޔާޒު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އަޅާ ބަލާއިރު، މިފަހަރުގެ އިންތިހާބަށް ރީރަޖިސްޓްރީ ކުރި މީހުންގެ އަދަދު 24 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅުން އަންދާޒާކޮށްގެން ތިބީ އެ ނިސްބަތް އިތުރުވާނީ 15 ޕަސެންޓަށް ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

"2013 ވަނަ އަހަރު ރީރަޖިސްޓްރީވި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކަނީ 68،383. ވޯޓުލާ މީހުން 2013 އިން 2018އަށް އިތުރުވެފައި މި ވަނީ 10 ޕަސެންޓަށް. ގާތްގަނޑަކަށް 24،000 ވޯޓު. އެހެންނަމަވެސް މިފަހަރު ރީރަޖިސްޓްރީވި ކަމަށް 24 ޕަސެންޓުގެ އިތުރުވުމެއް އެބަ އުޅޭ. އަޅުގަނޑުމެން އަންދާޒާ ކުރީ އެންމެ ގިނަވެގެން ވެސް އަރާނީ 15 ޕަސެންޓަށް ކަމަށް،" އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ފާހަގަ ކުރެއްވި ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އައިޑީކާޑު ނަމްބަރު ހިމެނޭ ލިސްޓެއް ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާ ހިއްސާ ކުރުމަށްފަހު، 10 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން ދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އަލީ ނިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް