ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް އަމާޒުކުރެވިގެން 30 ވޮލީ ކޯޓު އަޅަން ނިންމާފައިވާ ކަމަށް ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހުކުރު ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފެށި އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތް ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މިމުބާރާތުގައި ދިވެހި އަންހެން ވޮލީ ޓީމުގެ ފަރާތުން ރީތި އަދި ކާމިޔާބު ކުޅުމެއް ކުޅޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ގައުމީ ޖާޒީގައި ދިވެހި ކުޅުންތެރިންނަކީ ދިވެހިން ފަހުރުވެރިކޮށްދޭ ބައެއް ކަމަށެވެ. ރާއްޖޭގައި މިފަދަ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީގެ މުބާރާތެއް ބޭއްވިގެން ދާކަމީ ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެން ދާނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވޮލީ އިތުރަށް ދިރުވާ އާލާކުރުމުގެ ގޮތުން އިތުރު 30 ވޮލީ ކޯޓެއް ރާއްޖޭގައި ވަރަށް ކައިރި މުސްތަގްބަލެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރާއްޖޭގައި ހެދޭ ވޮލީ ކޯޓުތަކުގެ ބަދަލުގައި އެންމެ ފަތު އަޑުގައި އިވެނީ ކޮންމެވެސް ރަށެއްގައި ފުޓްސަލް ދަނޑުތަކެއް ހަދައި ނުވަތަ ހަދަން ހަމަޖެހިފައިވާ ވާހަކަ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަށި ކޯޓުތަކެއް ހެދުމަށް ވެސް ސަރުކާރުން ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.