ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 11:16
ސިޔާމް މެޑަމް ފާތުން އަރިހުގައި
ސިޔާމް މެޑަމް ފާތުން އަރިހުގައި
ރައީސް އޮފީސް
ޕީޕީއެމް-އެމްޑީއޭ ކޯލިޝަން
ކޯލިޝަނާއިމެދު ގޮތެއް ނިންމުން އެމްޑީއޭ އިން އަނެއްކާ ވެސް ފަސްކޮށްފި
ދެޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުޅޭ
ރައީސް ޔާމީނާ އެކު އެމްޑީއޭގެ ލީޑަރު ފެނުންވަނީ މަދުވެފައި

ވެރިކަންކުރާ ޕާޓީ، ޕީޕީއެމާ އެކު ހަދާފައިވާ ކޯލިޝަނުގައި ދެމިއޮތުމާ މެދު ގޮތެއް ކަނޑައަޅުން އެމްޑީއޭ އިން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަކީ ރައީސް އަބްދުﷲ ޔާމީންގެ ޒަމާންވީ އެކުވެރިޔާ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ (ސަން ޓްރެވަލް ސިޔާމް) ހިންގަވާ ސިޔާސީ ޕާޓީއެކެވެ. ނަމަވެސް މި ފަހަކަށް އައިސް މި ދެ ޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމުގެ ވާހަކަތަކެއްވަނީ ފެންމަތިވެފައެވެ.

ރިޔާސީ އިންތިޚާބަށް މަހަކަށް ވުރެ ކުޑަތަންވެފައިވާއިރު، ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހުގެ ރޭ އެޕާޓީގެ ކައުންސިލު ބައްދަލުވުމެއް ބާއްވަން އޮތީ ނިންމާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ އެމްޑީއޭގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމާފައި އޮތް ނަމަވެސް ފަހުން އެ ބައްދަލުވުން ވަނީ ފަސްކޮށްފައެވެ.

އެމްޑީއޭގެ ކައުންސިލު ބައްދަލުވުން ފަސްކުރި ސަބަބާ ގުޅޭ ގޮތުން ބަހެއް ހޯދާލުމަށް ކުރި މަސައްކަތް، އެޕާޓީގެ އިސްފަރާތްތަކުން ފޯނު ނުންގަވާތީ ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީއޭގެ ކައުންސިލު ބައްދަލުވުމުގައި އެ ޕާޓީގެ މުސްތަގުބަލާ މެދު ގޮތްތަކެއް ނިންމުން ހިމަނާފައިވެއެވެ.

ޕީޕީއެމުން 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އެމްޑީއޭއާ އެކު ހަދާފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް މިހާރު އެ ދެ ޕާޓީގެ މެދުގައި ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އޮތީ ހަމަވެފައެވެ. އެމްޑީއޭ-ޕީޕީއެމް ކޯލިޝަންގެ އެއްބަސްވުމާ މެދު ގޮތެއް ނިންމުން ވެސް ޕާޓީގެ ކައުންސިލު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނެއެވެ.

ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކެމްޕޭން ހަރަކާތްތަކުން މި ފަހަކަށް އައިސް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެޕާޓީގެ އިސްފަރާތްތައް ފެނުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ދެ ޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އިރު، އެމްޑީއޭގެ ބައެއް އިސްވެރިން ވިދާޅުވަމުން ގެންދަވަނީ އެ ޕާޓީ އަށް ކޮށްދޭން އެއްބަސްވި ކަންތައްތަކަށް ސަރުކާރުން އަމަލުނުކުރާ ކަމަށެވެ. އަދި ބައެއް މެންބަރުން ޕީޕީއެމާ އެކު ކުރިއަށް ދިއުމަށް ލަފާދީފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް