ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 12:08
ރިޔާސީ އިންތިހާބާ ގުޅޭ ސެކިއުރިޓީ ކަންތައްތަކާ ގުޅޭ އެއްބަސްވުމެއްގައި ފުލުހުންނާ އެކު އިލެކްޝަންސް ކޮމިޝަނުން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރިޔާސީ އިންތިހާބާ ގުޅޭ ސެކިއުރިޓީ ކަންތައްތަކާ ގުޅޭ އެއްބަސްވުމެއްގައި ފުލުހުންނާ އެކު އިލެކްޝަންސް ކޮމިޝަނުން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގައި އދ. ގެ ކޮންސަލްޓެންޓެއް ބައިވެރިކުރުމަށް އެޖަމާއަތުން އެދިފައިވޭ: އިލެކްޝަންސް
ކޮމިޝަނުން ނިންމީ އދ. ގެ ކޮންސަލްޓެންޓެއް ބައިވެރި ނުކުރުމަށް
އީޔޫއިން އިންތިހާބު އޮބްޒާވްކުރުމުގެ ޝައުގުވެރިކަމެއް ނެތް
އދ. އާއި އީޔޫއިން ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ގާތުން ބަލަމުން

އިންތިހާބާ ގުޅޭ ގައުމީ ލަފާދޭ ކޮމެޓީގައި އދ. ގެ ކޮންސަލްޓެންޓެއް ހިމެނުމަށް އެ ޖަމާއަތުން އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އދ. އަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބު އޮބްޒާވްކުރުމަކީ އދ. އިން ކުރާ ކަމެއް ނޫން ކަމަށް އެޖަމާއަތުން ބުނެފައިވާ ކަމަށެވެ. 

ނަމަވެސް ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގައި އދ. ގެ ކޮންސަލްޓެންޓެއް ހިމެނުމަށް އެ ޖަމާއަތުން އެދިފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ އދ. އިން އެ ހުށަހެޅުން އައުމާ އެކު ކޮމިޝަނުގެ މެމްބަރުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ ގައުމީ ލަފާދޭ ކޮމެޓީގައި އެކޮމެޓީގައި ހިމެނެންޖެހޭ ފަރާތެއް ފިޔަވައި އެހެން ފަރާތަކަށް އެފުރުސަތު ނުދިނުމަށެވެ. 

ޝަރީފް ވިދާޅުވީ އދ. ގެ ކޮންސަލްޓެންޓެއް ގައުމީ ލަފާދޭ ކޮމެޓީގައި ހިމެނުމުގެ ފުރުސަތު ދެވެން ނެތް ކަމަށް މިހާތަނަށް އެ ޖަމާއަތަށް އަންގާފައި ނުވާނެ ކަމަށާއި ނަމަވެސް އެކަން އެޖަމާއަތަށް ވަރަށް އަވަހަށް އަންގާނެ ކަމަށެވެ. 

"ރިޔާސީ އިންތިހާބު އޮބްޒާވްކުރުމުގެ ފުރުސަތު އަޅުގަނޑުމެން ޔޫއެންއަށް ދައުވަތު ދިނިން. އެހެން ނަމަވެސް އާއްމު ގޮތެއްގައި ޔޫއެންއަކީ އިންތިހާބުގެ ކަންކަން އޮބްޒާވްކުރާ ބައެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވި. އެހެންނަމަވެސް އެބޭފުޅުން އަޅުގަނޑުމެންނަށް ކުރި ރިކުއެސްޓަކީ އަޅުގަނޑުމެންގެ ގައުމީ ލަފާދޭ ކޮމެޓީގައި އެބޭފުޅުންގެ ކޮންސަލްޓެންޓެއް ބޭންދިދާނެތޯ. އެހެންނަވެސް އަޅުގަނޑުމެން ކޮމިޝަނުން ނިންމާފައި ވަނީ އެޑްވައިޒަރީ ކޮމެޓީގައި ހިމެނެންޖެހޭ ފަރާތެއް ނޫން ފަރާތެއް އެފުރުސަތު ދެވެން ނެތްކަމަށް،" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ވެސް ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ދައުވަތު ދީފައިވާ ކަމަށެވެ. އިންތިހާބު އޮބްޒާވްކުރުމުގައި ބައިވެރިވާނެ ކަމަށް މީގެ ކުރިން ނުރަސްމީކޮށް ބުނެފައިވީ ނަމަވެސް، އިންތިހާބު އޮބްޒާވްކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް ބުނެ އީޔޫ އިން ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"އީޔޫއަށް އަޅުގަނޑުމެން ދައުވަތު ދިނިން. އެހެންނަމަވެސް އެދައުވަތު، ފުރަތަމަ އަޅުގަނޑުމެންނަށް އީޔޫއިން ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވޭ. އެހެންނަމަވެސް މިމަހުގެ މެދެއްހާ ހިސާބުގައި އަޅުގަނޑަށް އެޑްރެސްކޮށް އީޔޫއިން ފޮނުވާފައިވާ ސިޓީގައި ރިޔާސީ އިންތިހާބު އޮބްޒާވްކުރުމުގެ ޝައުގުވެރިކަން ނެތްކަމަށް ވިދާޅުވެފައިވަނީ،" ޝަރީފް ވިދާޅުވިއެވެ. 

އދ. އިންނާއި ޔޫރަޕްގެ އިއްތިހާދުން ރިޔާސީ އިންތިހާބު އޮބްޒާވްކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް ބުނެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ބޭރުގެ 34 ފަރާތަކުން އިންތިހާބު އޮބްޒާވްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެފަރާތްތަކުގެ ނަންތައް ފަހުން އާއްމު ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް އދ. އިންނާއި އީޔޫ އިން ބުނި ނަމަވެސް އެ ދެ ޖަމާއަތުން ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހް ވަރަށް ގާތުން ބަލަމުންނެވެ. އަދި ދިވެހި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ވާގިވެރިވާ ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އީޔޫއިން ވަނީ ނިންމާފައެވެ. ނަމަވެސް ފިޔަވަޅު އަޅާނެ ފަރާތްތަކުގެ ނަންތައް އެޖަމާއަތުން އަދި އާއްމުކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް