ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 19:27
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓު ގުނުމުގައި އަމަލުކުރާނީ މީގެކުރިން އަމަލު ކުރިގޮތަށް، ވޯޓުލާ މަރުކަޒުތަކުން އިއުލާން ކުރުމުގެ ކުރިން ކޮމިޝަނަށްވެސް ނަތީޖާ ނޭނގޭނެ: އިލެކްޝަންސް
ވޯޓުލާ ނިމުމަށްފަހު، އެ މަރުކަޒެއްގައި ނަތީޖާ އިއުލާން ކުރުމަށްފަހު، އެމަރުކަޒުގައި ނަތީޖާ ޝީޓް ތަތްކުރާނެ
ވޯޓު ގުނުމަށް ޓެބްލެޓް ބޭނުމެއް ނުކުރާނެ
މަރުކަޒުތަކުން ނަތީޖާ އިއުލާނު ކުރުމުގެ ކުރިން އެއްވެސް ފަރާތަކަށް ވޯޓުގެ ނަތީޖާއެއް ނޭނގޭނެ

އަންނަ މަހު 23 ބޭއްވާ ރިޔާސީ އިންތިހާބުގައި އަމަލު ކުރަމުން ދަނީ މީގެކުރިންވެސް ބޭއްވި އިންތިހާބުތަކުގައި އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ކަމަށާއި ހާއްސަކޮށް، ވޯޓު ލުމަށްފަހު، ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާނީ މީގެކުރިން ބޭއްވި އިންތިހާބުތަކުގައި އެކޮމިޝަނުން އަމަލުކޮށްފައިވާ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މަސައްކަތް ކުރަމުންދާ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ތަކުރާރުކޮށް ވިދާޅުވީ ވޯޓުލާ ނިމުމަށްފަހު، ވޯޓު ގުނާނީ މޮނީޓަރުންނާއި އޮބްޒާރުންގެ ކުރިމަތީގައި ކަމަށާއި ވޯޓު ގުނުމަށްފަހު، ނަތީޖާ ޝީޓް އެ މަރުކަޒެއްގައި ތަތްކުރާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށްވެސް ނަތީޖާ ނޭނގޭނެ ކަމަށާއި މީގެކުރިން ކަންކަން ހިނގާފައިވާ ގޮތަކަށްބަލާއިރު، އިލެކްޝަންސް ކޮމިޝަނަށް ލިބުމާއި އެކޮމިޝަނުން ނަތީޖާ އިއުލާނު ކުރުމުގެ ކުރިން މީޑިއާތަކަށް އެ ނަތީޖާތައް ލިބި، އާއްމު ކުރުމުންދާނެ ކަމަށެވެ.

ވޯޓުލާ މަރުކަޒުތަކުގައި ޓެބްލެޓްތަކެއް ބޭނުން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ ޓެބްލެޓްތައް ބޭނުންކުރަނީ ކުރިން ބޭނުން ކުރަމުންދިޔަ ނޯޓްބުކްތަކުގެ ބަދަލުގައި ކަމަށެވެ. އެބަދަލު ގެނައީ ޔޫސަރފްރެންޑްލީ ޓެކްނޮލޮޖީއެއް ބޭނުންކޮށް، ވޯޓްލާން އަންނަ މީހުން ވެރިފައި ކުރުމުގައި އަވަސް ކުރުމުގެ ނިޔަތުގައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެ ޓެބްލެޓްތަކުގައި ވޯޓާސް ލިސްޓްގެ އިތުރު އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ވޯޓު އޮޅުވާލެވޭނެ ފަދަ އެއްވެސް އެޕްލިކޭޝަނެއް ނުހިމެނޭނެ ކަމަށެވެ.

ޝަރީފް ވަނީ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއް އެކޮމިޝަނުން އޮޅުާވާނުލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ޝަރީފް ވިދާޅުވީ ރީ-ރެޖިސްޓްރީ ކުރުމާއި މޯނީޓަރުންނަށް ވުމަށްޓައި އެކޮމިޝަނަށް ހުށަހަޅާފައިވާ ބައެއް ފޯމުގައި ބޮޑެތި އޮޅުވާލުންތައް އެބަހުރި ކަމަށެވެ. އެކަންކަން އެކޮމިޝަނުގެ ކޮޕްލެއިންސް ބިއުރޯއިން ބެލުމަށްފަހު، އިތުރަށް ތަހުގީގު ކުރަންޖެހޭނަމަ ތަހުގީގު އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް