ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 13:00
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބަށް ހަފްތާއަކަށް ވުމުން އަޅުގަނޑަށް ފެންނަނީ ރައީސް ޔާމީން އިންތިހާބު ދޫކޮށްލައްވަން: އިބޫ
ޕީޕީއެމް ސައިޑުގައި ތިބި ގިނަ ބަޔަކު އަންނަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅެމުން

އިންތިހާބަށް ހަފްތާއަކަށް ވުމުން ރައީސް އަބްދުﷲ ޔާމީން އިންތިހާބު ދޫކޮށްލަން ފެންނަ ކަމަށާއި ރައީސް ޔާމީނާއެކު އުޅުނު އެތައް ބަޔަކު ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅެމުންދާ ކަމަށް ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރ. މާކުރަތުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، އެއް ދުވަހު ޕީޕީއެމް ޖަލްސާގައި ތިބެފައި އަނެއް ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅި، ޕޯޑިއަމްގައި ވާހަކަދައްކާނެ ފަރާތްތައް އެބަ ތިބި ކަމަށެވެ. މިއީ ރައްޔިތުން މިއަދު ތިބި ގޮތް ކަމަށާއި އިންތިހާބު ކައިރިވާ ވަރަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅޭ މީހުން އިތުރު ވެގެންދާނެ ކަމަށެވެ.

"މިހެން ގޮސް ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހަށް ހަފްތާއަކަށް ވުމުން އަޅުގަނޑަކަށް ފެންނަނީ ރައީސް ޔާމީން އިންތިހާބު ދޫކޮށްލައްވަން. ރައްޔިތުންގެ ތާއީދު ނެތްކަން އެމަނިކުފާނަށް ވަރަށް ސާފުކޮށް ފެނިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ތިބި ގޮތް ވަރަށް ސާފުކޮށް ދައްކަމުންދާ ކަމަށާއި ސިވިލް ސަރވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އެދަނީ ބިރު ފަހަނައަޅާ ނުކުންނަމުން ކަމަށެވެ. އަދި މިގޮތަށް ދިމާވަނީ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ރަގަޅަށް އެނގޭނީ ރައްޔިތުން ކައިރީގައި ތިބޭ ބަޔަކަށް ކަމަށާއި އެރަށަކަށް ބޭނުންވާ ކަންކަން އެންމެ ރަގަޅަށް އެނގޭނީ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތަށް ވާންޖެހޭނީ އެކަންކަން ކުރުމަށް މަގުފަހިވުން ކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ވަކި ރަށެއް ނުވަތަ ވަކި އަތޮޅެއް ބާކީ ނުކޮށް ތަރައްގީގެ ކަންކަން ހާސިލް ކުރުމަށް މަގުފަހިކޮށްދެވޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އަސާސީ ހިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ އެންމެ މުހިއްމު މަސައްކަތްތައް ކަމަށާއި އެންމެ ފުރަތަމަ މަސައްކަތް ކުރައްވާނީ އެކަންކަން ރައްޔިތުންނަށް ފުއްދައިދިނުމަށް ކަމަށެވެ. މީގެ އިތުރުން ރާއްޖެ ޖަޒީރާ ވަންތަ ގޮތެއްގައި ތަރައްގީ ކުރުމަށް މިހާރަށް ވުރެ ރަގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް