ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 12:00
އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ
އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ
މުހައްމަދު ޝަރުހާން
އަދާލަތު ޕާޓީ
ސުބްރާމާނިއަންގެ ވާހަކަ އަދާލަތުން ކުށްވެރިކޮށްފި
އަދާލަތުން ކުށްވެރިކުރީ ރާއްޖެ ހިފަން ގޮވާލި ވާހަކަ
އޭނާގެ ގޮވާލެއްވުމަކީ އަވަށްޓެރި ގުޅުމާ ހިލާފު ކަމެއް: އަދާލަތު
އަދާލަތުން ބުނީ ހެޔޮވެރިކަމެއް ކުރަން އިންޑިއާގެ އެހީބޭނުންވާ ކަމަށް

ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވުމުން، އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެ އިސްތިއުމާރު ކުރަން ޖެހޭ އެއްވެސް ހާލަތެއް އޮންނާނެ ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ. ނަމަވެސް ހެޔޮލަފާ ވެރިކަމެއް ގާއިމުކޮށް، ޑިމޮކްރެޓިން މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް އަދާލަތުން ބުންޏެވެ. ހާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކޮށް، ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ގާއުމު ކުރުމަށް ބައިިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި އިންޑިއާއިން އަދާ ކުރާ އިސް ދައުރު އެ ޕާޓީން ބަލައިގަންނަ ކަމަށް އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސުބްރަމާނިއަންގެ ގޮވާލުމަކީ ފަރުދީ ގޮތުން އޭނާ ގޮވާލެއްވި ކަމެއް ކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ އެ އަމަލަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް އަވަށްޓެރިކަމުގެ ގުޅުމާ ހިލާފު ގޮވާލުމެއް ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ އަވަށްޓެރި އިންޑިއާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރާފާނެ ކަމެއް ކުރާ ގައުމެއް ނޫންކަން ވޭތުވެދިޔަ އެ ގައުމުގެ ސަރުކާރުތަކުން ސާބިތުކޮށްދީފައިވާ ކަމަށެވެ.

"މިފަހުގެ ތާރީހުގައި ދިވެހިރާއްޖޭގެ ސިޔާދަތަށް ނުރައްކާވި ކޮންމެ ފަހަރެއްގައި އެންމެ ގާތުން އެހީތެރިވެދިން ގައުމަކީ ވެސް އިންޑިއާ،" ކަމަށް އަދާލަތުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ޕާޓީން ބުނީ އިތުބާރާއި ޔަގީންކަމުގެ މައްޗަށް ބިނާވެ، ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ ގާތް ގުޅުމެއް އޮތުމަކީ ދެ ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމުގައި އަދާލަތުން ދެކޭ ކަމަށެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުމާއި ސުލްހަ ގާއިމު ކުރުމަށް އޮތް މަގަކީ އެއީ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"...އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އެއްވެސް އަމާޒެއް ނެތި ބައްޓަން ކުރަމުންދާ ގޮތުން މި އަސާސްތަކާ ދުރަށްދާކަމީ އަދާލަތު ޕާޓީން ކަންބޮޑުވެ، ހިތާކުރާ ކަމެކެވެ،" އަދާލަތުން ނެރުނު ބަޔާނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް