ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 04:29
ރާއްޖެޓީވީގެ \"އިބޫ\" ޕްރޮގްރާމްގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)
ރާއްޖެޓީވީގެ "އިބޫ" ޕްރޮގްރާމްގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިސްލާމް ދީން ނޫން އެހެން ދީނެއް ނޯންނާނެ، އެއީ ރައީސް ސުވާލު ކުރައްވަން ޖެހޭ ކަމެއް ނޫން: އިބޫ
މި ސަރުކާރުގެ ކަންކަން ހުރި ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ
ސިޔާސީ ގޮތުން ރައީސަކަށް ހުންނަންވާ މީހަކު ކުރައްވަން ޖެހިވަޑައިގަންނަވާ ސުވާލުތަކެއްކަމަށް ގަބޫލެއް ނުކުރަން

ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް ނޯންނާނެކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވަނީ އިބޫއަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ގިނަ އަދަދެއްގެ ސުވާލުތަކެއް އިބޫ އަށް ކުރިމަތި ކުރުވާފަ އެވެ. ރައީސް ޔާމިން ވަނީ އެމްޑީޕީގެ ސަރުކާރުގައި ހިނގާފައިވާ ކަންކަން ނުހިނގާނެ ކަމުގެ ޔަގީން ދެއްވައި ރައްޔިތުން ކުރިމަތީ އެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެ ޓީވީގެ "އިބޫ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެ ސުވާލުތަކަކީ ސިޔާސީ ގޮތުން ރައީސަކަށް ހުންނަންވާ ބޭފުޅަކު ކުރައްވަން ޖެހިވަޑައިގަންނަވާ ސުވާލުތަކެއްކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާކަމަށެވެ.

"މިސާލަކަށް ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނާނެތޯ މިއީ ސުވާލު އުފެދޭނެ ކަމެއްވެސް ނޫން. އެއީ ޖަވާބު ދޭންޖެހޭ ވަރުގެ ސުވާލެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް ނޯންނާނެ ދެއްތޯ. އެއީ ރައްޔިތުން އަޅުގަނޑުމެންގެ ކާބަފައިން އެތައް ޒަމާނުއްސުރެ ހިތުގެ އަޑިން އެންމެން ގަބޫލުކޮށްގެން ތިބި ކަމެއް. އެހެންވީމަ އެކަހަލަ ސުވާލުތައް އުފައްދާކަށްވެސް ނުވާނެ. އެއީއަކީ އެއް އަޅުގަނޑަށް ހިއެއްނުވޭ ސިޔާސީ ބޭނުމަކު ކުރައްވަންޖެހޭ ކަމެއް ކަމެއްކަމަށް." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މި ސަރުކާރުގެ ކަންކަން ހުރި ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް "ފޯކަސް ކޮށްގެން" އެއަށް ހައްލު ލިބޭނެ ގޮތްތަކަށް މަސައްކަތް ކުރާ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް