ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 02:09
ދުވާފަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ދުވާފަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ސެޕްޓެމްބަރު 23 އަށްފަހު ރައީސް ޔާމީން ގިނަ ކަންތައްތަކަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ: އިބޫ
ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާއި ހިލާފު ވަރަށް ގިނަ ކަންކަން ހިންގާފައި އެބަހުރި
އިންތިހާބަށްފަހު އެކަންތައްތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ
ދުވާފަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ފަހުން ގާނޫނާއި ހިލާފަށް ރައީސް ޔާމީން ކުރައްވާފައިވާ ކަންކަމަށް އެމަނިކުފާނު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީން އެތައް ކަމެއް ގާނޫނާއި ހިލާފަށް ކުރައްވާފައިވާ ކަމަށާއި އެކަންތައްތަކަކީ އެއް ރެއިން ކިޔޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އިބޫ ވިދާޅުވީ ރައީސް ޔާމީން އެތައް ކަމަކަށް އަމިއްލަ ބަހުން އިއުތިރާފްވެވަޑައިގެންފައިވާ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ. ގެއަށް ވަން ފައިސާގެ މައްސަލަ. މާލޭގެ މަގުމަތީގައި ގަތުލު ކުރެވިގެންދިޔަ ޝަހީދުކުރެވިގެންދިޔަ މީހުންނާއި ބެހޭގޮތުން އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަ. މިހިރީ އެމަނިކުފާނު އަޅުގަނޑު މި ދެންނެވި ދުވަހު ޖަވާބު ދޭން ޖެހިވަޑައިގަންނަވާނެ ކަންތައްތައް." ދުވާފަރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ. 

އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ދުވާފަރަށް ކޮށްދެއްވާނެ ބައެއް ކަންތައްތައް ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށުން ބިން ހިއްކާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ހަމައެހެންމެ ކޯލިޝަންގެ ސަރުކާރެއްގައި ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމަށްފަހު ދިން ގެތަކަށް އެފަރާތްތަކުގެ ރަޖިސްޓްރީ ބަދަލުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ދުވާފަރަކީ ޒުވާނުންގެ އާބާދީ ވަރަށް ބޮޑު ރަށެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެރަށުގައި ޒުވާނުންގެ މަރުކަޒެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދުވާފަރުގެ ސިއްހީ މަރުކަޒާއި ސްކޫލް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެރަށު ރައްޔިތުން ބޭނުންވާ ފެންވަރުގެ ހިދުމަތްތައް ރަށުން ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.  

ހުކުރު ދުވަހު ދުވާފަރަށް އިބޫ ވަޑައިގެންނެވުމުން އިބޫއަށް ވަނީ ހޫނު މަރުހަބާއެއް އެ ރަށުން ދަންނަވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް