ކ. މާލެ
|
24 އޯގަސްޓް 2018 | ހުކުރު 13:13
ހަމުގެ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ އިބްރާހިމް ރަޝީދު: އޭނާގެ ހާލަތާ މެދު މަހުލޫފު ކަންބޮޑުވުން ފާޅުކޮށްފައިވޭ
ހަމުގެ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ އިބްރާހިމް ރަޝީދު: އޭނާގެ ހާލަތާ މެދު މަހުލޫފު ކަންބޮޑުވުން ފާޅުކޮށްފައިވޭ
ރާއްޖެ އެމްވީ
މެމްބަރު މަހުލޫފު
މޭޑޭ ގައިދީއެއްގެ ފޮޓޯތަކާ އެކު ޖަލުގައި ގައިދީން މަރާ ވާހަކަ މަހުލޫފު ތަކުރާރު ކުރައްވައިފި
ގައިދީންނަށް ފަރުވާކުރާ ގޮތާ މެދު މަހުލޫފުގެ ޝަކުވާ ބޮޑު
އެފަދަ ވާހަކަ ދައްކާތީ މަހުލޫފަށް ވަނީ ދައުވާކޮށްފައި
ދައުވާގެ އަޑުއެހުން ނިންމާލިތާ ދެ މަސް

މޭޑޭގެ މުޒާހަރާގެ ބައިވެރިވެގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އިބްރާހީމް ރަޝީދުގެ ސިއްހީ ހާލު، ދައްކުވައިދޭ ފޮޓޯތަކާ އެކު، އެކަށީގެންވާ ފަރުވާ ނުދީ ޖަލުގައި މީހުން މަރާ ވާހަކަ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފިއެވެ.

ފޮޓޯތަކާ އެކު މަހުލޫފު ކުރައްވާފައިވާ ޓްވީޓެއްގައި އާންމުކުރައްވާފައި ވަނީ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ އުމުރުން 26 އަހަރުގެ އިބްރާހިމް ރަޝީދުގެ އަށް ޖެހިފައިވާ ހަމުގެ ނުރައްކާތެރި ބަލީގެ ހާލަތެވެ. ފޮޓޯތަކުން ފެންނަ ގޮތުން އޭނާގެ ހަށިގަނޑަށް ވަނީ ނުރައްކާތެރި ބައްޔެއް ޖެހި، ގައިގެ އެކިތަންތަން ވަނީ ފާރުވެފައެވެ. އެގޮތުން ބުރަކަށީގަ އާއި ކަނދުރާގެ އިތުރުން މޫނުގެ ބައެއް ތަންތަން ވެސް ފާރުވެފައިވާތަން މަހުލޫފު އާންމު ކުރެއްވި ފޮޓޯތަކުން ފެނެއެވެ.

މެޑޭ މުޒާހަރާގައި ފޯނަކުން ފުލުހެއްގެ ގައިގައި ޖެހިކަން ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރަޝީދަށް ފަރުވާ ދިނުމުގައި ކަރެކްޝަނުން އިހުމާލުވެފައިވާ ކަމަށް މަހުލޫފު ވަނީ ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވި ރަޝީދަށް ހަމުގެ މައްސަލަ ދިމާވެގެން އުޅޭތާ އަހަރުތަކެއް ވެގެންދިޔައިރު ވެސް އޭނާ ބާއްވާފައި އޮތީ ޖަލުގައި ކަމަށެވެ.

އައިޖީއެމްއެޗްގައި ރަޝީދަށް ފަރުވާދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. މާލެއަށް ނިސްބަތްވާ އެ ޒުވާނާއަށް ޖެހިފައިވާ ހަމުގެ ބައްޔާ ގުޅިގެން އައިޖީއެމްއެޗުން ގެންދަނީ އޭނާ އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

އޭނާއަށް ޖެހިފައިވާ ބަލީގެ ތަފްސީލެއް އައިޖީއެމްއެޗުން ވެސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ހާމައެއް ނުކުރެއެވެ.

އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަމުންދާ ކަމަށް މަހުލޫފު ތުހުމަތު ކުރައްވަމުންދަނިކޮށް، މިއަހަރު ތެރޭގައި ވެސް ފަރުވާ ދެމުންދިޔަ ތިން ގައިދީއަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ވެސް ޖަލުގައި ފަސް ގައިދީއަކު މަރުވެފައި ވެއެވެ. އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު ޖަލުގައި ހަ ގައިދީއަކު މަރުވެފައި ވެއެވެ. މީގެ ތެރޭގައި ކުއްލި ފަރުވާ އަށް ބޭނުންވެ ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މަރުވި ބައެއް މީހުން ވެސް ހިމެނެއެވެ. 

ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށް ވިދާޅުވެ މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލާފައެވެ. ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަ އެ ދައުވާގެ އަޑުއެހުންތައް ނިންމާލާފައިވާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް