ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 13:02
އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިންގެ ދަތުރުފުޅެއްގެ ތެރެއިން
އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިންގެ ދަތުރުފުޅެއްގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
މުޅި ދައުލަތް އެއްފަރާތަކަށް ޖެހިފައިވާތީ ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ޝައުގެއް ނެތް: މާރިޔާ
މިއަދާ ހަމައަށް ބަހުސް ބާއްވާނެ ދުވަހެއް އަދި ގަޑިއެއް ދެއްވާފައެއް ނެތް
ރާއްޖެޓީވީން ބާއްވާ ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި
ދައުލަތުގެ ހުރިހާ ވަސީލަތެއް ކެމްޕެއިން ކުރުމަށް ރައީސް ޔާމީން ގެންދަވަނީ ބޭނުން ކުރައްވަމުން

ދައުލަތުގެ ހުރިހާ ވަސީލަތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިނަށް ބޭނުން ކުރަމުންދާ ދަނޑިވަޅެއްގައި ދައުލަތުގެ މުއައްސަސާއަކުން ބާއްވާ ރިޔާސީ ބަހުސެއްގައި ބައިވެރިވުމުގެ ޝައުގު މިހާރު ނެތް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދައުލަތުގެ މީޑިއާ ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ރިޔާސީ ބަހުސްގައި އިބޫ ބައިވެރިވަޑައިގެންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެފަރާތްތަކަށް އެންގުމަށް ފަހު، ރިޔާސީ ބަހުސް ބާއްވާނެ ދުވަހަކާއި ވަގުތެއް ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވުމުން ވެސް މިއަދާ ހަމައަށް ވަކި ދުވަހެއް ހަމަޖައްސާފައިނުވާ ކަމަށެވެ. އެހެންކަމުން މިހާރު އެބަހުސްގައި ބައިވެރިވުމުގެ ޝައުގެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކަށް ދައުލަތުގެ މުއައްސަސާތަކުން އެކި ޖެއްސުން ކުރަމުންދާ ކަމަށެވެ. ހާއްސަ ގޮތެއްގައި ފުލުހުންގެ މުއައްސަސާއިން ކަންކުރަމުންދާ ގޮތާއި އިލެކްޝަންސް ކޮމިޝަނުން ކަން ކުރަމުންދާ ގޮތާ މެދު މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ އިބޫ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް ފުލުހުންނާއި ސަރުކާރުގެ އެކި އިދާރާތައް މެދުވެރިކޮށް ނައްޓަމުން ގެންދާއިރު، ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވެ، އަދި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމުންދާ ކަމަށެެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރާއްޖެޓިވީން ބޭއްވުމަށް ނިންމާފައިވާ ރިޔާސީ ބަހުސްގައި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގެންނެވުމަށް ނިންމެވި ނިންމުމަކީ، ދައުލަތުން ބާއްވާ ރިޔާސީ ބަހުސްގައި އިބޫ ބައިވެރިވެވަޑައި ނުގެންނެވުމަށް ވިސްނުންފުޅު ގެންގުޅުއްވާ އެއް ސަބަބެއް ކަމަށެވެ. ވަކި ފަރާތަކަށް ބުރަވެފައިވާ ވަކި ބަހުސެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަން ނިންމެވިއިރު އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް