ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 06:27
އަދާލަތު ޕާޓީގެ ނައިބްރައީސް އަލްއުސްތާޛް އަލީ ޒާހިރު
އަދާލަތު ޕާޓީގެ ނައިބްރައީސް އަލްއުސްތާޛް އަލީ ޒާހިރު
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ގާނޫނު އަސާސީގެ ބޭރުން މިވެރިކަން ބަދަލުކުރަން ބޭނުންނަމަ މިހާރު އޮންނާނީ އެކަން ކާމިޔާބު ކޮށްފައި: އަލީ ޒާހިރު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހައި މެންބަރުންނަކީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ބައެއް
އިސްލާހަށް މަސައްކަތް ކުރުމަށް ނުކުތީ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން
ގާނޫނުގައި ވާގޮތަށް ވެރިކަން ނުކުރެވޭނެ ނަމަ އަމިއްލައަށް އިސްތިއުފާ ދެއްވަންޖެހޭ

ގާނޫނު އަސާސީއާއި ގާނޫނުން ބޭރުން މިވެރިކަން ބަދަލުކުރަން ބޭނުންނަމަ މިހާރު އޮންނާނީ އެކަން ކާމިޔާބުކޮށްފައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނ. މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހައި މެންބަރުންނަކީ ހަމައާއި އިންސާފު ގާބޫލުކުރާ ބައެއް ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ބައެއް ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރުމަށް ނުކުތީ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން ކަމަށާއި، ބޭނުންވަނީ ގާނޫނީ ހަމައާ އުސޫލުގެ ތެރެއިން ފޭރިގެންފައިވާ ހައްގުތައް އަބުރާ ހޯދަން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މައްޗަށް ވެރިވެފައިވާ ނާމާންކަން ފޮހެލައިދީ އަމާންވެއްޓެއް ގާއިމް ކުރާނީ ގާނޫނު އަސާސީގެ ތެރެއިން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ގާނޫނީ މިވެރިކަން ގާނޫނު އަސާސީގެ ބޭރުން ބަދަލުކުރުމަށް މަސައްކަތް ކުރިނަމަ މިހާރު ތިބޭނީ އެކަން ކޮށްގެން ކަމަށާއި، މިހާރު ރާއްޖޭގެ ރައީސަކަށް އަބްދުﷲ ޔާމިން ނުހުންނަވާނެ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ ރައްޔިތުން ނުކުމެ ރައީސް ޔާމިންއާ ވެރިކަން ހަވާލުކުރީ އެމަނިކުފާނު ހިތްޕުޅަށް އަރައިވަޑައިގެންނެވި ގޮތަކަށް ވެރިކަން ކުރައްވަން ނޫން ކަމަށާއި، ގާނޫނުގައި ވާގޮތަށް ވެރިކަން ނުކުރެވޭނެ ނަމަ އަމިއްލައަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. ރައީސް ޔާމިނަށް ވެރިކަމުގައި ހުންނަވަން އެއްވެސް ރައްޔިތަކު މަޖުބޫރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިތު ހުރިހާ ގޮތަކަށް ވެރިކަން ކުރާކަށް ހަވާލެއް ނުކުރަމޭ. ވަރަށް ގިނައިން ވިދާޅުވާނެ ކިހިނެތްހޭ ތިމަންނަ މިކުރަނީ. ދެން ނުކުރެވެންޏާ ދާންވީނުންތޯ. އިސްތިއުފާ ދެއްވާ. ވަޑައިގަންނަވާ. އަޅުގަނޑުމެންގެ މައްޗައް ވެރިކަން ކުރަންވާނީ އަޅުގަނޑުމެން އެވެރިކަން ކުރުމަށްޓަކައި ހަވާލުކުރި ގޮތަށް. އެއީ ގާނޫނު އަސާސީއާ ގާނޫނުތަކުގައި އޮތްގޮތަށް. އޭގެ ބޭރުން ކަންކުރާ ނަމަ އޭތި ބަލައެއް ނުގަންނާނަން. އަދި އޭގެ އެތެރެން ކަންނުކުރޭ ކަމަށްވާނަމަ ވަޑައިގަންނަވަންވީ. އެއްވެސް މީހަކު މަޖުބޫރެއް ނުކުރޭ މަނިކުފާނަކަށް. ހަމަ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އަޅުގަނޑު ގޮވާލަން." އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވޯޓުދޭން ޖެހޭ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ބޭފުޅެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް