ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 11:32
މިނިސްޓަރުން ކެބިނެޓްގެ ބައްދަލުވުމެއްގައި
މިނިސްޓަރުން ކެބިނެޓްގެ ބައްދަލުވުމެއްގައި
ރައީސް އޮފީސް
މެމްބަރު މުސްތަފާ
41 މީހުންގެ ލިސްޓްގައި މުޅި ކެބިނެޓާއި މަޖިލިސް މެމްބަރުން ހިމެނޭ:މުސްތަފާ
ލިސްޓުގައި ފުލުހުންނާއި ސިފައިންގެ ބައެއް ވެރިން ހިމެނޭ
އިލެކްޝަންސް ކޮމިޝަންގެ ރައީސްވެސް ހިމެނޭ

އީޔޫއިން ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އަޅާ 41 މީހުންގެ ލިސްޓުގައި ކެބިނެޓް މެމްބަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ ޔޫރަޕިއަން ޔޫނިއަން އިން ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ލިސްޓްގައި 41 ނަމެއް ހިމެނޭ ކަމަށް ހާމަކޮށްފައި ވަނިކޮށެވެ. 

ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ 41 މީހުންގެ ތެރޭގައި މުޅި ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހާއި ރައްޔިތުގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭ ކަމަށެވެ. ފުލުހުންނާއި ސިފައިންގެ ވެރިންގެ އިތުރުން ބައެއް ފަނޑިޔާރުންވެސް ހިމެނޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްވެސް އީޔޫގެ ލިސްޓްގައި ހިމެނޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

 

ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރު ތޯމަސް ޒެޗޮވްސްކީ ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރުންގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ އީޕީ ޓުޑޭއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމައި ތައްޔާރުކޮށްފައިވާ ލިސްޓް ފެނިފައިވާ ކަމަށާއި އެ ލިސްޓްގައި 41 ނަމެއް އޮތްކަން އެނގޭ ކަމަށެވެ. އެއީ ވަކިވަކި ފަރުދުންނާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށާއި މިއީ އެކަން ތަންފީޒުކުރަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އެއީ ވަރަށް ސާފު ސީދާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒެޗޮވްސްކީ އިތުރަށް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ ބައިނަލްއަގްވާމީ މުޖުތަމައު އިން ބަލަން ނުތިބޭނެ ކަމަށާއި އެކަންކަން ކުރާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ގާނޫނުގެ ވެރިކަން ދަމަހައްޓައި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވިލާތުގެ އިއްތިހާދާއި ކެނެޑާ، އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، އިންޑިއާ އަދި ޖަޕާންގެ އިތުރުން އެހެން ގައުމުތައް ގުޅިގެން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފިޔަވަޅު އަޅަން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓް ހާމަކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީނާއި އެމަނިކުފާނަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މާޗް މަހު އީޔޫގެ ކައުންސިލަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާއި ވިދިގެން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެގަރާރާއެކު އެކުލަވާލުމަށް ނިންމި ފްރޭމްވާރކް ވެސް އީޔޫއިން ވަނީ ހާމަކޮށްފައެވެ.

މިފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ނުވަދެވުމާއި ޓްރާންސިޓް ނުކުރެވުމާއި އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި ފަންޑުތައް ހިފެހެއްޓޭނެ ކަމަށް ވެސް އީޔޫއިން ބަޔާންކޮށްފައިވެއެވެ. އީޔޫގެ މި ފިޔަވަޅުތަކުގެ އަސަރު ބޮޑު ކުރުމަށްޓަކާއި އީޔޫ މެމްބަރު ގައުމުތަކުގެ އިތުރުން އީޔޫއިން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް  ރާއްޖެއާ މެދު އީޔޫ އިން ވަކިވަކި މީހުންނާއި އިދާރާތަކާ މެދު އަޅާނެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާނެ ކަމަށް އީޔޫއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 33 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް