ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 02:32
ހެންވޭރުގައި ހުރި ގުޅިފައިވާ ޕާޓީތަކުގެ ޖަގަހަ ހުޅުއްވައިދެއްވަނީ
ހެންވޭރުގައި ހުރި ގުޅިފައިވާ ޕާޓީތަކުގެ ޖަގަހަ ހުޅުއްވައިދެއްވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ފްލެޓް ދޭން މިނިސްޓަރުގެ ލިސްޓެއް ނުގެންގުޅޭނަން، ފްލެޓްގެ އަގު ހެޔޮކުރާނަން: އިބޫ
ޕާކްކުރާނެ ތަންތަން އިތުރުކުރައްވާނެ ކަމަށް ވިދާޅުވި

އެމަނިކުފާނުގެ ވެރިކަމެއްގައި ފްލެޓްދޭނީ މިނިސްޓަރު ދޭ ލިސްޓަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ފްލެޓް ދޭނީ އިންސާފުވެރިކަމާއެކު ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.  

އާދިއްތަ ދުވަހުގެ ރޭ ހެންވޭރުގައި ކެމްޕެއިން ޖަގަހައެއް ހުޅުވާދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތި ގެދޮރުގެ ދަތިކަން ކަމަށާއި އަދި އެއާއެކު ބޯހިޔާވަހިކަން ދޭއިރު އިންސާފުވެރިކަމާއެކު އެ ލިބޭނެ ގޮތް ސަރުކާރުން ހަމަ ޖައްސާދީފައިނުވާ މައްސަލަކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ފްލެޓް ދޭނީ މާކްސްދޭ އުސޫލުން އެންމެ މަތީ މާކްސް ލިބޭ މީހާއަށް ކަމަށް ވިދާޅުވި އެވެ.

"މަކަރާ އޮޅުވާލުން ތެރޭގައި މި ސަރުކާރަށް ފެނިވަޑައިގަންނަވާ ބަޔަކަށް ފްލެޓާއި ގެދޮރު ދެމުން ގެންދަނީ. އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަނީ އަޅުގަނޑުމެންގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށާއި މަލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވާލަ ދޭނެ ވާހަކަ" އިބޫ ވިދާޅުވި އެވެ.  

"ގަމު ރަޝާދު"ގެ ނަމުގައި ހެންވޭރުގައި ހުޅުވި ޖަގަހަގައި އެމަނިކުފާނު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގައި ފްލެޓްތަކުގެ އަގު ހެޔޮ ކުރައްވާނެ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ލޯން ސްކީމެއް ތައާރަފު ކުރައްވާނެކަމަށާއި އެ ލޯނު ދޫކުރާނީ ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރެވޭ ގޮތައް ކަމަށް އިިބޫ ވިދާޅުވި އެވެ.

މާލޭގެ ދުއްވާ އެއްޗިހި ގިނަވެ ޕާކް ކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދާ ދެއްވާނެކަން ފާހަގަކުރައްވައި ވިދާޅުވީ ޖޫރިމަނާ ކުރުމުގެ ކުރިން އެންމެ ފުރަތަމަ ދައްކާނީ ޕާކް ކުރާނެ ތަނެއް ކަމަށެވެ. މާލޭގައި ޕާކިން ޒޯން އިތުރު ކުރުމަށާއި އަދި މާލޭގެ މަގުތަކުގެ ކާރުބާރު ކުޑަކުރުމުގެ ގޮތުން މުދާއަރުވާ ބާލަން ވަކި ސަރައްދުތަކެއް ކަނޑައަޅުއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.  

"ރައީސް ޔާމީން މި ކުރައްވާ ކަމަކީ ޖޫރިމަނާ ކޮށްފައި މިއިން އަންނަ ކޮންމެ އިންތިހަބާ ދިމާކޮށްފައި މާފު ކުރަމުން އެ ގެންދަނީ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވައި ނާޖައިޒް ފައިދާ ނެގުމަށް ކުރާ ކަމެއް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެނެއް އެގޮތައް އެކަމެއް ނުކުރާނަން،" އިބޫ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 45 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް