ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 02:44
އެމްޑީއޭގެ ކައުންސިލް މެމްބަރު މަމްދޫހާ އިދިކޮޅު ކެންޑިޑޭޓް އިބޫއާއެކު
އެމްޑީއޭގެ ކައުންސިލް މެމްބަރު މަމްދޫހާ އިދިކޮޅު ކެންޑިޑޭޓް އިބޫއާއެކު
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
ކޯލިޝަން ޕާޓްނަރ އެމްޑީއޭގެ ކައުންސިލް މެމްބަރު މަމްދޫހާގެ ތާއީދު އިބޫއަށް
މަމްދޫހާ ވަނީ އިބޫއާއެކު ނަންގަވާފައިވާ ފޮޓޯއެއް ޢާއްމު ކުރައްވާފައި
މިގޮތައް ނިންމެވީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެތައް ހުރަސްތަކެއް ކުރިމަތި ކުރުވަމުން ދާތީ

ސަރުކާރު ކޯލިޝަންގައި ހިމެނޭ  އެމްޑީއޭގެ ކައުންސިލް މެމްބަރު އައިޝަތު މަމްދޫހާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

މަމްދޫހާ ވަނީ އިބޫއާއެކު ނަންގަވާފައިވާ ފޮޓޯއެއް ޢާއްމު ކުރައްވާފައެވެ. އަދި އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް ޕާޓީއެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިނުގަތަސް، އެތައް ބައެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަމަށެވެ.

އިބޫއަށް ތާއީދު ކުރައްވަން މަމްދޫހާ މި ނިންމަވާފައި މިވަނީ ރައީސް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަދި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަން ރޫޅިދާނެކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ.

ބައެއް މީޑިއާ ތަކަށް މަމްދޫހާ ވިދާޅުވެފައިވަނީ  އޭނާ ހިމެނޭ ޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓު އިބޫއަށް ތާއީދު ކުރައްވަން ނިންމެވީ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެތައް ހުރަސްތަކެއް ކުރިމަތި ކުރުވަމުން ދާތީ ކަމަށެވެ. އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ އެތައް ކަމެއްގައި ހުރަސްތައް ކުރިމަތިވަމުން ދާއިރު، މިނިވަން އިންތިޚާބެއް ރާއްޖޭގައި ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަމްދޫހާ ވިދާޅުވި ގޮތުގައި އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، އިބޫއަށް ތާއީދުކުރަން ނިންމެވި ނިންމެވުމަކީ އޭނާގެ އަމިއްލަ ކަމެކެވެ. އެ ނިންމެވުމާ ގުޅިގެން އޭނާއާ މެދު އެމްޑީއޭ އިން ފިޔަވަޅެއް އަޅާފާނެތީ ކަންބޮޑު ނުވާ ކަމަށާއި ފިޔަވަޅެއް އެޅިޔަސް، އިބޫއަށް ކުރާ ތާއީދު އަނބުރާ ނުގެންދަވާނެ ކަމަށް ވެސް މަމްދޫހާ ވިދާޅުވި އެވެ.

"އެންމެ ބޮޑު ވަރަކަށް ވެސް އަޅުގަނޑު ކައުންސިލުން ވަކި ކުރާނީ ދެއްތޯ؟. އަޅުގަނޑުގެ މައްސަލައެއް ނެތް ވަކިކުރިޔަސް. އެތައް ބައެއްގެ ހައްގަށް އަރައިގަންނާކަށް އަޅުގަނޑަކަށް ނުކެރޭނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާ ކައިވެނި ބައްލަވައިގެން ހުންނެވި މަމްދޫހާ ވިދާޅުވީ، އިބޫއަށް ތާއީދު ކުރަން އޭނާ ނިންމިޔަސް، މުބީންއާ ދެމެދު އޮތް ގުޅުމަކަށް ބުރުލެއް ނާރަ ކަމަށެވެ. އަދި އޭނާ މުބީނާ ކައިވެނި ކުރެއްވުމުގެ ކުރިން ވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔަ ކަން މަމްދޫހާ ފާހަގަ ކުރެއްވި އެވެ.

ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަމްދޫހާ ހިމެނުނެވެ. އަދި ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރި އެވެ. އެކަމަކު، އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސް ކޮށްފައިވާތީ، އެ މުއްދަތުގައި އިތުރު ކުށެއް ނުކުރާތީ އޭނާ ވަނީ ސަލާމަތްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް