ދިވެހިރާއްޖެއަކީ އދ. ގެ މެމްބަރު ގައުމަކަށް ވާތީ އދ. ގެ ނިންމުންތަކަށް ދިވެހި ސަރުކާރުން އިހްތިރާމްކޮށް އެ ނިންމުންތައް ތަންފީޒް ކުރަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ރައީސް، މައުމޫން ފެކްޝަނުން ބުނެފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް މިނިވަންކުރުމަށް ދިވެހި ސަރުކާރަށް އަންގާ އދ. ގެ ވޯކިން ގުރޫޕުން ނިންމި މައްސަލައާ ގުޅިގެން ރައީސް މައުމޫން ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަކީ މިނިވަން އިންސާފްވެރި ޝަރީޢަތެއްގެ ތެރއިން ކޮށްފައިވާ ހުކުމެއް ނޫންކަން ވޯކިން ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އަދި ކާނަލް ނާޒިމްގެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ވެސް ފުރިހަމަ ނުވާ އެތައް ކަމެއް ހުރިކަން އދ. ގެ ވޯކިން ގުރޫޕުން ފާހަގަ ކޮށްފައިވާކަން ރައީސް މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެހެން ކަމުން ދިވެހިރާއްޖެއަކީ އދ. ގެ މެމްބަރަކު ގައުމަކަށް ވާތީ ކާނަލް ނާޒިމްގެ މައްސަލާގައި އދ. ގެ ވޯކިން ގުރޫޕުން ނިންމާފައިވާ ނިންމުމާ އަދި އަމަލު ކުރުމަށް ދިވެހި ސަރުކާރަށް އަންގާފައިވާ ގޮތުގެ މަތިން ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ސިޔާސީ ބޭނުމަށް މިނިވަން އިންސާފްވެރި ތަހުގީގެއް ނުހިންގައި ހުކުމްކޮށް ޖަލުގަ އާއި ގޭ ބަންދުގައި ހުކުމް ތަންފީޒް ކުރަމުންދާ ހުރިހާ ފަރާތްތަކާއި އަދި ތަހުގީގު މަރުހަލާގައި ވެސް އެތައް ފަރާތްތަކެއް ތިބިއިރު އެ ހުރިހާ އެންމެން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ރައީސް މައުމޫން ފެކްޝަންގެ ބަޔާނުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.