ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އދ. ދަނގެއްޗަށް ވަޑައިގަންނަވާތީ އެރަށުގައި އިހްތިޖާޖު ކުރުމަށް ތައްޔާރު ވެއްޖެ އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މަޖިލިސް ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާފައި ނުވާތީ އެކަމުގެ ނުރުހުން ފާޅުކޮށް ލިޔެފައި ހުރި ޕޯސްޓަރުތަކާއި ބެނާތައް ބުރާސްފަތި ދުވަހުގެރޭ ދަންވަރު އެރަށު ބަނދަރު ސަރަހައްދުގައި ބަޔަކު ދަމަހައިފައިވާ ކަމަށެވެ.
ބެނާތަކުގައި ލިޔެފައިވަނީ ރަށުގެ ބަނދަރު ހަދައިނުދިނުމާއި ބޮޑު ހިލަ ނުޖެހުމާއި ދޯނި އެހެލާ ޔާޑު ހަދާފައި ނުވުމާއި ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްދީފައި ނުވާތީ އެކަން ފާހަގަ ކޮށްފައެވެ. އަދި ކާޑުގެ އަގުބޮޑުވުމާއި ތަކެތީގެ އަގު އުފުލިފައިވާތީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރުމަށް، ތިން ކާޑު ގޯނި އެލުވާފައިވެ އެވެ.
މީގެއިތުރުން ރަށުގެ ސިއްޚީ ދާއިރާގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށާއި ކައުންސިލަށް ޒިންމާ ނުއުފުލޭ ނަމަ ރަށު ކައުންސިލްގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.
2013 ވަނަ އަހަރު މަޖިލިސް ކެމްޕޭންގެ ފަހުން ދާއިރާގެ މެންބަރު އިލްހާމް ދާއިރާއަށް ވަޑައިގެންފައި ނުވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގަންނަވާ ޓީމުގައި މިނިސްޓަރު ތޯރިގްގެ އިތުރުން ބައެއް މަޖިލީސް މެންބަރުން ވެސް ހިމެނި ވަޑައިގަންނަވައެވެ.
އެޓީމު ދަނގެއްޗަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 5:30 ގައި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އެ ޓީމު ބުރާސްފަތި ދުވަހު އިލްހާމްގެ ދާއިރާގައި ހިމެނޭ އދ. އޮމަދޫއަށް ވަޑައިގަތުމުން އެރަށުގައި ވެސް ގިނަ އދަދެއްގެ މީހުން ވަނީ އިޚްތިޖާޖު ކޮށްފައެވެ.